Last Updated: June 6, 21:37
Friday, June 6, 2025
ޚަބަރު

ގައުމީ ފެންވަރުގައި މާލެ ސަރަހައްދުގައި އީދު ފާހަގަކުރަނީ

ފިތުރު އީދުގައި މާލޭގައި ބޭއްވި އީދު ކުޅިވަރުގެ ތެރެއިން/ ފޮޓޯ: މިހާރު

އަޟްހާ ޢީދުގެ މުނާސަބަތުގައި އެމްއެންޑީއެފް އާއި ދައުލަތުގެ ބައެއް އިދާރާތަކާއި މުއައްސަސާތައް އަދި ކުންފުނިތައް ގުޅިގެން "ޢީދުހަވީރު 1446" ގެ ނަމުގައި ގައުމީ ފެންވަރުގައި މާލެ ސަރަހައްދުގައި ކުލަގަދަކޮށް އީދު ފާހަގަކުރަން ނިންމައިފި އެވެ.

މި ނިންމުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމާއެކު ނިންމާފައިވާ ނިންމުމެކެވެ.

އެމްއެންޑީއެފުން ބުނީ އަޟްޙާ ޢީދުގެ އުފާ ފާޅުކުރުމުގެ ގޮތުން މާލެއާއި ހުޅުމާލޭގެ ހަތަރު ސަރަހައްދެއްގައި "ޢީދުހަވީރު 1446"ގެ ހަރަކާތްތައް އަންނަ ހުކުރު ދުވަހުން ފެށިގެން ތިން ދުވަސް ވާންދެން ކުރިއަށްގެންދާނެ ކަމަށެވެ. މި ތިން ދުވަހު، "ޢީދުހަވީރު 1446"ގެ ހަރަކާތްތައް ކުރިއަށްދާނީ ހަވީރު 16:00އިން 18:00އަށެވެ. އަދި، ރޭގަނޑު ބައެއް ސްޓޯލްތައް، ރޭގަނޑު 20:30އިން ފެށިގެން ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ޢީދުގެ ހަރަކާތްތައް އޮންނާނީ، މާލޭގައި ސަލްޓަން ޕާކާއި، ޖުމްހޫރީ މައިދާނުގެ އިތުރުން ހުޅުމާލޭގެ ސެންޓްރަލް ޕާކާއި، ހުޅުމާލޭ ފޭސް 2ގެ ހިޔާ ޕާކް ސަރަހައްދުގަ އެވެ.

އެމްއެންޑީއެފުން ބުނީ ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ހަރަކާތްތައް އިންތިޒާމްކޮށްފައި ވަނީ ސްޓޯލްތަކުން ވީހާ ވެސް ގިނަ ބަޔަކަށް ބައިވެރިވެވޭނޭ ގޮތަށް، އަދި އެކި އުމުރުފުރާގެ ކުދިންނާއި މީހުން ވެސް ޝައުގުވެރިވާނެހެން ތަފާތު ހަރަކާތްތަކާ ކުޅިވަރުތައް ހިމަނައިގެން ކަމަށެވެ. އެގޮތުން، މި ހަރަކާތްތަކުގައި، ރާއްޖޭގެ އިހުގެ ސަޤާފަތާއި، އިހުގައި ދިވެހީން ކުޅެއުޅުނު ކުޅިވަރުތައް ސްޓޯލްތަކުން ދައްކާލުމަށް ހަމަޖެހިފައިވާ ކަމަށާއި އަދި ޒަމާނީ ކެރެކްޓާތައް ފިއުޝަންގޮތަށް ވެސް ދައްކާލުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

މީގެއިތުރުން ސަރުކާރު ވުޒާރާތަކާއި ދައުލަތުގެ އެކި މުއައްސަސާތަކާއި ވިޔަފާރި ކުންފުނިތަކުން ތައްޔާރުކުރާ ސްޓޯލްތަކުން ތަފާތު އެކި ގޭމްތަކާއި ކުޅިވަރު ހަރަކާތްތައް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ އިރު، އެ ސްޓޯލްތައް ތައްޔާރުކުރުމަށް ހަމަޖެހިފައިވަނީ އެކި ތީމްތަކަށް، ތަފާތު އެކި ތަޖުރިބާތައް ކުރެވޭނެހެން، ހަމައެހެންމެ ކުޑަކުދިން ގަޔާވާނެ އެކި ކަހަލަ ކަންކަން ހިމަނައިގެން ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެ އެވެ.

ޢީދުހަވީރުގައި، އެމްއެންޑީއެފްގެ ފަރާތުން ޚާއްސަ ހަރަކާތްތަކެއް ވެސް ވަނީ ކުރިއަށްގެންދަން ނިންމާފަ އެވެ. މީގެ ތެރޭގައި ސިފައިންގެ ޔުނިފޯމްތަކާއި، އޮޕަރޭޝަންތަކުގައި ބޭނުންކުރާ އެކިކަހަލަ ހަތިޔާރުތަކާއި، އެއްގަމާއި ކަނޑުމަތީ ބޭނުންކުރާ އެކި އުޅަނދުތައް ދައްކާލުމާއި، އެ ތަކެއްޗާ އެކު ފޮޓޯ ނެގުމާއި ތަޖުރިބާކޮށްލުމުގެ ފުރުޞަތު ފަހިކޮށްދީ ބޭންޑުގެ ހަރަކާތްތައް ކުރިއަށްގެންދަން ހަމަޖެހިފައިވެ އެވެ. އަދި ފޯމްބާތް ޕޫލަކާއި ފެންކުޅީގެ އެކި ހަރަކާތްތައް ވެސް ކުރިއަށްގެންދަން ވަނީ ހަމަޖެހިފަ އެވެ.