ސެމީފައިނަލްގައި ޖަރުމަނު 2-1 އިން ބަލިކޮށް ޔޫއެފާ ނޭޝަންސް ލީގުގެ ފައިނަލަށް ޕޯޗުގަލް ދަތުރުކޮށްފި އެވެ.
މިއީ 2000 ވަނަ އަހަރަށް ފަހު ވާދަވެރި މެޗެއްގައި ޕޯޗުގަލް އިން ޖަރުމަނުގެ މައްޗަށް ކުރި ހޯދި ފުރަތަމަ ފަހަރެވެ.
ޖަރުމަނުގެ މިއުނިކްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު، މި ހާފުގައި ޖަރުމަނުން ވަނީ ނުރައްކާތެރި ހަމަލާތަކެއް ޕޯޗުގަލްގެ ގޯލަށް އަމާޒުކޮށް ފޮނުވާލައިފަ އެވެ. ޖަރުމަނުން ފޮނުވާލި ހަމަލާތައް މަތަކުރުމުގައި ޕޯޗުގަލްގެ ގޯލްކީޕަރު ޑިއޯގޯ ކޮސްޓާގެ ހުޝިޔާރުކަން ވަނީ ފެނިގެން ގޮސްފަ އެވެ.
މި މެޗުގެ ފުރަތަމަ ގޯލު މެޗުގެ 48 ވަނަ މިނެޓްގައި ޖަރުމަނަށް ކާމިޔާބުކޮށްދިނީ ފްލޮރިއަން ވާޓްޒް އެވެ. މިއީ ޖޯޝުއާ ކިމިޗް ދިން ޕާހަކުން ޕޯޗުގަލްގެ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން ވާޓްޒް ކާމިޔާބުކުރި ގޯލެކެވެ.
މި ގޯލަށް ފަހު ޕޯޗުގަލް އިން ކުޅުން ރަނގަޅު ކުރިއިރު، މެޗުގެ 63 ވަނަ މިނެޓްގައި ފްރެންސިސްކޯ ކޮންސެއިސާއޯ ވަނީ ހިތްގައިމު ގޯލެއް ކާމިޔާބުކޮށްދީ ޕޯޗުގަލަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ ޖަރުމަނުގެ އޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެންނެވެ.
އޭގެ ފަސް މިނެޓް ފަހުން ނޫނޯ މެންޑޭސް ދިން ޕާހަކުން ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ އެޓީމަށް ލީޑު ނަގައިދީފަ އެވެ. މިއީ ޕޯޗުގަލްގެ ގައުމީ ޓީމަށް ރޮނާލްޑޯ ކާމިޔާބުކޮށްދިން 137 ވަނަ ގޯލެވެ.
ޕޯޗުގަލަށް ލީޑު ފުޅާކޮށްލަން އިތުރު ފުރުސަތުތަކެއް ލިބިފައިވާއިރު، ނަތީޖާ އެއްވަރުކޮށްލަން ޖަރުމަނަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ކަރީމް އަޑެޔޭމީ އެވެ. ޕޯޗުގަލްގެ އޭރިއާ ތެރޭ ހުރެ އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑި އަށެވެ.
ނޭޝަންސް ލީގުގެ ފައިނަލްގައި ޕޯޗުގަލް ބައްދަލުކުރާނީ ސެމީފައިނަލްގައި މިރޭ ފްރާންސް އާއި ސްޕެއިން ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ އެވެ. ޕޯޗުގަލް އިން ވަނީ 2019 ވަނަ އަހަރު މި މުބާރާތް ކާމިޔާބުކޮށްފަ އެވެ.