ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މައްކާއަށް ދިޔަ ދިވެހި ހައްޖުވެރިން އަރަފާތު ބިމަށް ޖަމާވެއްޖެ އެވެ.
ރާއްޖޭގެ ހައްޖު މިޝަނުން ބުނީ ހައްޖުވެރިން މިނާ އިން އަރަފާތު ބިމަށް ދަތުރު ފެށީ ރޭގެ ވަގުތެއްގައި ކަމަށާއި، ހައްޖުވެރިންގެ ހާލުވެސް ޢާއްމު ގޮތެއްގައި ރަނގަޅު ކަމަށެވެ.
އަރަފާތު ބިމަށް ޖަމާވުމަކީ، ހައްޖުގެ އެންމެ މުހިއްމު އަދި އެންމެ މަތިވެރި ރުކުނެވެ. އަރަފާތު ބިމުގައި އަޅުކަމުގަ އާއި ގުރުއާން ކިޔެވުމާއި ދުއާ ކުރުމުގައި މުޅި ދުވަސް ހޭދަކުރެ އެވެ. ޢަރަފާތުގެ ބިމުގައިވާ މަސްޖިދުއްނަމިރާގައި މިއަދު މެންދުރު ނަމާދަށް ފަހު ހައްޖު ހުތުބާ ދިނުން އޮންނާނެ އެވެ.
އަދި މިއަދުގެ އިރު އޮއްސުމާ އެކު އަރަފާތު ބިމުން ހައްޖުވެރިން ފައިބާއިރު، ދެން ހައްޖުވެރިން ދާނީ މުޒްދަލިފާއަށެވެ. އަދި މާދަމާ ހެނދުނުން ފެށިގެން ޖަމްރާ އަށް ހިލަ އުކުން އޮންނާނެ އެވެ.
ރާއްޖެއިން މިއަހަރު ޖުމްލަ 1،000 ޙައްޖުވެރިން ޙައްޖުގެ އަޅުކަން ފުރިހަމަ ކުރާނެ އެވެ.