Last Updated: June 6, 21:37
Friday, June 6, 2025
ޚަބަރު

ރާއްޖެއަށް ޝައުގުވެރި ވަނީ ޗާލު މާޙައުލެއް އޮތުމުން

ރާއްޖެއަށް މުޅި ދުނިޔެ ޝައުގުވެރި ވަނީ، ޗާލު މާޙައުލެއް އޮތުމުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ތިމާވެށީގެ ދުވަހާއި ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ރައީސް ވިދާޅުވީ ރާއްޖެއަށް މުޅި ދުނިޔެ ޝައުގުވެރި ވަނީ، ދެވަނައެއް ނެތް ޗާލު މާޙައުލެއް އޮތުމުން ކަމަށާއި ދިވެހީންނަށް އާމުދަނީ ލިބޭ މައިގަނޑު މަސައްކަތްތައް ބަރޯސާ ވަނީ ކަނޑުތަކުގެ ދިރުމާ، ރަށްތަކުގެ ރީތި ކަމަށް ކަމަށެވެ.

"ތިމާވެށި ޙިމާޔަތް ކުރުމަށް ދިވެހީން ދޭ އިސްކަމަކީ، މިއަދުގެ ފާގަތިކަމާއި، މާދަމާގެ ތިޔާގިކަމާއި އުފާވެރިކަމަށްޓަކައި އަދާކުރާ ޤައުމީ ޒިންމާއެއް،" ރައީސް ވިދާޅުވި އެވެ.

މި އަހަރުގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގައި ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ރޭވިފަ އެވެ. މީގެ ތެރޭގައި ސްކޫލްތަކުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކާއި، ރަށްރަށުގައި ސާފުކުރުމުގެ ހަރަކާތްތައް ހިމެނެ އެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން ބުނީ ޕްލާސްޓިކުން ކުރާ ތަޣައްޔަރުކަމަކީ ރާއްޖެއަށްވެސް ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށާއި، މި މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށެވެ. އެގޮތުން، ސިންގަލް ޔޫސް ޕްލާސްޓިކް މަދުކުރުމުގެ ޤާނޫނެއް އަންނަ އަހަރު ތަޢާރަފުކުރުމަށް ރޭވިފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަހަކީ އދ. އިން ކަނޑައަޅާފައިވާ ބައިނަލްއަޤްވާމީ ދުވަހެކެވެ.