އިންޑިއާގެ މަޝްހޫރު އެކްޓަރު އަނޫޕަމް ކޭރް އަނެއްކާ ވެސް ފޮތެއް ނެރެން ތައްޔާރުވެއްޖެ އެވެ.
މިއީ މޯޓިވޭޝަނަލް ފޮތްތަކެއްގެ ގޮތުގައި އޭނަ ގެނެސްދެމުން އަންނަ ފޮތްތަކުގެ ހަތަރު ވަނަ ފޮތެވެ. އާ ފޮތުގެ ނަމަކީ "ޑިފެރެންޓް، ބަޓް ނޮޓް ލެސް" އެވެ. މި ފޮތާ ބެހޭ ގޮތުން 70 އަހަރުގެ އެކްޓަރު ބުނީ ކުރީގެ ފޮތްތަކާ އެއްގޮތަށް އާ ފޮތަކީ ވެސް އަމިއްލަ ހަޔާތުގެ ގިނަ ތަޖުރިބާތަކެއް ހިއްސާކޮށްފައި ވާނެ ފޮތެއް ކަމަށެވެ.
އިންޑިއާގެ އެންމެ ހުނަރުވެރި އެކްޓަރުންގެ ތެރޭގައި ހިމެނޭ އަނޫޕަމް ބުނީ "ޑިފެރެންޓް، ބަޓް ނޮޓް ލެސް" ގައި މައިގަނޑު ގޮތެއްއި އަލިއަޅުވާލާފައި ހުންނާނީ ކަންކަމުގައި ފަހަތަށް ނުގޮސް ހިތްވަރާ އެކު ކުރިއަށް ދިއުމުގެ މުހިއްމުކަމާއި އޭނަގެ އަމިއްލަ ހަޔާތުގައި ކުރިމަތިލާން ޖެހުނު އެފަދަ އެތައް ކަމަކުން ލިބުނު ފިލާވަޅުތަކާއި އިބުރަތްތަކަށެވެ.
އާ ފޮތް ނެރެން ނިންމާފައީ ޕަބްލިޝިން ހައުސް، ހޭ ހައުސް އިންޑިއާގެ ތައްގަނޑުގަ އެވެ. ނަމަވެސް ފޮތް ނެރޭނެ ސީދާ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ. އެކަމަކު އަނޫޕަމް ބުނީ ވަރަށް އަވަހަށް "ޑިފެރެންޓް، ބަޓް ނޮޓް ލެސް" ވިއްކަން ފަށާނެ ކަމަށެވެ.
އޭނަ އާ ފޮތެއް ނެރެން ތައްޔާރުވެފައި ވަނީ ޑައިރެކްޓްކުރި ދެވަނަ ފިލްމު "ތަންވީ، ދަ ގްރޭޓް" އަންނަ މަހުގެ 18 ގައި ރިލީޒް ކުރަން ވެސް ނިންމާފައި ވަނިކޮށެވެ. މިހާތަނަށް 550 އާ ގާތްކުރާ އަދަދަކަށް ފިލްމުތައް ކުޅެފައިވާ އެކްޓަރުގެ އާ މި ފިލްމަކީ ޑައިރެކްޓްކޮށް، ރޯލެއް ވެސް ކުޅެފައިވާ ފިލްމެކެވެ.
ބަތަލާ ކިރަން ކޭރްގެ ފިރިމީހާ ކުރިން ނެރެފައިވާ ފޮތްތަކަކީ "ދަ ބެސްޓް ތިންގް އެބައުޓް ޔޫ އިޒް ޔޫ" އާއި "ލެސަން ލައިފް ޓޯޓް މީ، އަންނޯވިންލީ: އޭން އޮޓޯބަގްރީ" ގެ އިތުރުން "ޔުއާ ބެސްޓް ޑޭ އިޒް ޓުޑޭ" އެވެ.