ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދު ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލު ކުރަން އޭނާގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގެންފި އެވެ.
އެ ކޯޓުގެ ރަޖިސްޓްރާ ފުރަތަމަ ނިންމީ ނިންމުން ބާތިލު ކުރަން ޝަމްއާންގެ ފަރާތުން ފުރަތަމަ ހުށަހެޅި މައްސަލަ ބަލައިނުގަތުމަށެވެ.
ނަމަވެސް ޝަމްއާން ބަންދު ކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރަށް ހައި ކޯޓުން ވެސް ތާއީދުކޮށްފައިވީ ނަމަވެސް ހައި ކޯޓުގެ ހުކުމް ގާނޫނީ އަދި ޝަރުއީ ހަމަތަކާ ހިލާފު ކަމަށް ބަޔާންކުރާ އިސްތިއުނާފީ ނުކުތާއެއް ހުށަހަޅާފައި ނުވާ ކަމަށް ރަޖިސްޓްރާ ނިންމަވާފައިވެ އެވެ. އެހެންވެ އެ މައްސަލަ ޝަމްއާންގެ ފަރާތުން ފަނޑިޔާރުންގެ މަޖިލީހަށް ރިވިއު ކުރަން ހުށަހެޅީ އެވެ.
އޭނަ ފަރާތުން މައްސަލަ ހުށަހެޅީ ގާނޫނީ ގޮތުން ބަހުސް ކުރެވޭނެ އިސްތިއުނާފީ ނުކުތާތަކަކާ އެކު ކަން ފާހަގަކޮށް އެ މައްސަލައިގެ ޝަރީއަތް އެ ކޯޓުގައި ހިންގަން ނިންމައި ފަނޑިޔާރުންގެ މަޖިލީހުން ވަނީ ރަޖިސްޓްރާގެ ނިންމުން ބާތިލުކޮށްފައެވެ.
ޝަމްއާންގެ އިތުރުން އިމިގްރޭޝަންގެ ކުރީގެ ހަތަރު މުވައްޒަފެއްގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވަނީ މިދިޔަ މަހު އެވެ.
ޝައްމާން މަގާމުން ވަކިކޮށް ހައްޔަރުކުރީ މާޗު މަހުގެ 22 ގަ އެވެ.