Last Updated: June 7, 13:34
Saturday, June 7, 2025
ރިޕޯޓް

ޢީދާއި ހުކުރު ދުވަސް ދިމާވެއްޖެ ނަމަ ޢަމަލު ކުރާނީ ކިހިނެއް؟

ޙަނަފީ އަދި މާލިކީ މަޒުހަބުގެ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ޢީދު ދުވަހާއި ހުކުރު ދުވަސް އެއް ދުވަހަކަށް ދިމާވެއްޖެ ނަމަ، އެ ދެ ނަމާދުންކުރެ އެއް ނަމާދު އަނެއް ނަމާދުގެ ބަދަލުގައި ފުދޭނެ ކަމަކަށް ނުބެލެވޭނެ ކަމަށެވެ. ޝާފިޢީ މަޒުހަބުގެ ޢިލްމުވެރިން ވެސް ދެކެވަޑައިގަންނަވަނީ މިގޮތަށެވެ. ނަމަވެސް، ޢީދު ނަމާދަށް ބަންގީގެ އަޑުއިވި، އަދި ޢީދު ނަމާދުގައި ބައިވެރިވި ރަށްފުށުގެ މީހުންނަށް ހުކުރު ނަމާދުގައި ބައިވެރިނުވުމުގެ ރުޚުޞަތު ދެވިގެންވެ އެވެ.

އިބުނު ޤުދާމާގެ އަލްމުޣުނީގައި ބަޔާންވެގެންވެ އެވެ. ޢީދު ނަމާދާ ހުކުރު ނަމާދާ އެއް ދުވަހަކަށް ދިމާވެއްޖެ ނަމަ، ޢީދު ނަމާދު ކުރި މީހުން ހުކުރު ނަމާދަށް ހާޟީރުވާކަށް ނުޖެހޭނެއެވެ. އެހެން ނަމަވެސް އެއީ އިމާމު މީހާ ފިޔަވަ އެވެ. ފަހެ، ހަމަކަށަވަރުން ހުކުރު ނަމާދު އޭނަ އަށް ވާޖިބެއް ނުވާނެ އެވެ. ނަމަވެސް އޭނާއާ އެކު ހުކުރު ނަމާދު ގައި ބައިވެރިވާނެ ބަޔަކު ނެތްނަމައެވެ.

ބައެއް ބޭކަލުން ވިދާޅުވާ ގޮތުގައި އިމާމު މީހާގެ މައްޗަށް ހުކުރު ނަމާދު ވާޖިބުވާނެއެވެ. މިކަމުގައި ދެ ރައުޔެއްވެއެވެ. އަދި ވެސް އިބުނު ޤުދާމާ ބަޔާން ކުރައްވައިފައިވެއެވެ. ޢީދު ނަމާދުގެ ވަގުތުގައި ހުކުރު ނަމާދު ކޮށްފިނަމަ، ހުކުރު ނަމާދު ޢީދު ނަމާދުގެ ބަދަލުގައި ފުދޭނެއެވެ. އަދި މިއީ އިރުމެދުވުމުގެ ކުރިން ހުކުރު ނަމާދު ކުރުން ހުއްދަވެގެންވާ ކަމަށް އޭނާ ދެކެވަޑައިގަންނަވާ ރައުޔުގެ މައްޗަށް ބިނާވެގެންވާ ކަމެކެވެ.

شيخ الإسلام ابن تيمية رحمة الله تعالى މިކަމާއި ބެހޭ ގޮތުން ސުވާލު ކުރެވުމުން ވިދާޅުވެފައިވެއެވެ. "މާތް ﷲ އަށް ޙަމްދު ހުއްޓެވެ. ޢީދު ނަމާދާއި ހުކުރު ނަމާދާ އެއް ދުވަހަކަށް ދިމާވެއްޖެނަމަ މިކަމުގައި ޢިލްމުވެރިންގެ ތިން ޤައުލެއްވެއެވެ.

ފުރަތަމަ ރައުޔަކީ: ޢީދު ނަމާދުގައި ބައިވެރިވި މީހުންގެ މައްޗަށްވެސް ހުކުރު ނަމާދު ވާޖިބުވާނެއެވެ. އެހެނިހެން ހުކުރު ނަމާދުތައް ވާޖިބުވާ ފަދައިން، ހުކުރު ނަމާދުގެ ވާޖިބުކަން ދަލީލުކޮށްދޭ ޢާންމު ނައްޞުތަކުގެ ސަބަބުންނެވެ.

ދެވަނަ ރައުޔަކީ: ރަށުން ބޭރުގައި ދިރިއުޅޭ މީހުންނާއި އެކަހެރިކޮށް ދިރިއުޅޭ މީހުންފަދަ ރަށުން ބޭރުގެ މީހުންގެ މައްޗަށް ހުކުރު ނަމާދު ވާޖިބެއް ނުވާނެއެވެ. އެއީ ޢުޘްމާން ބިން ޢައްފާން (ރަޟިޔަﷲ ޢަންހު) އެބައިމީހުންނަށް ޢީދު ނަމާދު ކުރުވުމަށްފަހު ހުކުރު ނަމާދު ދޫކޮށްލުމުގެ ރުޚްޞަތު ދެއްވާފައިވާތީއެވެ.

ތިންވަނަ ރައުޔަކީ: އަދި މިއީ ޞައްޙަ ރައުޔެވެ. ޢީދު ނަމާދުގައި ބައިވެރިވި މީހުންގެ މައްޗަކުން ހުކުރު ނަމާދު ވާޖިބެއް ނުވާނެއެވެ. ނަމަވެސް އިމާމުގެ މައްޗަށް ވާޖިބުވެގެންވަނީ ހުކުރު ނަމާދު ޤާއިމުކުރުމެވެ. އެއީ ހުކުރު ނަމާދުގައި ބައިވެރިވާން އެދޭ މީހުންނަށް އެކަމުގެ ފުރުޞަތު ދިނުމަށްޓަކައެވެ. އަދި ޢީދު ނަމާދުގައި ބައިވެރިނުވި މީހުންނަށްޓަކައެވެ.

މިއީ ކީރިތި ރަސޫލާ صلى الله عليه وسلم އާއި އެކަލޭގެފާނުގެ އަޞްޙާބުންކަމުގައިވާ ޢުމަރުގެފާނާއި، ޢުޘްމާނުގެފާނާއ، އިބުނު މަސްޢޫދާއި، އިބުނު ޢައްބާސާއި، އިބުނުއް ޒުބައިރާއި މީނޫންވެސް ބޭކަލުންގެ އަރިހުން ވާރިދުވެގެން އައިސްފައިވާ ގޮތެވެ.
އަދި މިކަމުގައި ޞަޙާބީންގެ މެދުގައި އެއްވެސް ޚިލާފެއް އޮތްކަމެއް ނޭނގެއެވެ. އަދި ކުރިން ބަޔާންކުރެވުނު ދެ ޤައުލުގެ ވެރިންނަށް، އެއް ދުވަހެއްގައި ދެ ޢީދު ޖަމާވުމާ ގުޅޭގޮތުން ނަބިއްޔާ ﷺ ގެ ކިބައިން އައިސްފައިވާ ސުންނަތް އެނގިފައެއް ނުވެއެވެ. އެކަލޭގެފާނު ޢީދު ނަމާދު ކުރެއްވުމަށްފަހު، ހުކުރު ނަމާދަށް ލުޔެއް ދެއްވިއެވެ. އަދި އެހެން ރިވާޔަތެއްގައި އެކަލޭގެފާނު ވިދާޅުވި ކަމަށްވެ އެވެ.

"އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން ތިޔަބައިމީހުންނަށް ހެޔޮކަމެއް ލިބިއްޖެއެވެ. ފަހެ ހުކުރު ނަމާދުގައި ބައިވެރިވާން އެދޭ މީހަކު ބައިވެރިވާށެވެ. ފަހެ ހަމަކަށަވަރުން އަހަރެމެން ހުކުރު ނަމާދު ކުރާނަމެވެ." އަދި ހަމައެހެންމެ، ޢީދު ނަމާދުގައި ބައިވެރިވުމުން އެއްވުމުގެ މަޤްޞަދު ޙާޞިލްވެއެވެ. ދެން ހުކުރު ނަމާދުގައި ބައިވެރިނުވާނަމަ، އޭނާ މެންދުރު ނަމާދު ކުރާނެއެވެ. އެހެންކަމުން މެންދުރު ނަމާދު އެނަމާދުގެ ވަގުތުގައި ކުރެވޭނެ އެވެ.

ޢީދު ނަމާދުން ހުކުރު ނަމާދުގެ މަޤްޞަދު ޙާޞިލްވެ އެވެ. އަދި މީސްތަކުންގެ މައްޗަށް ހުކުރު ނަމާދު ވާޖިބުކުރުމުގައި އެބައި މީހުންނަށް ދަތިކަމެއް ވެއެވެ. އަދި އެބައިމީހުންގެ ޢީދުގެ މަޤްޞަދަށް އުނިކަމެއް އަންނާނެއެވެ. އަދި އެދުވަހު އުފާވެރިކަމާއި ހިތްހަމަޖެހުން ލިބުމަށް ޝަރުޢުކުރެވިފައިވާ ކަންކަމަށް ހުރަސްއެޅޭނެއެވެ. ފަހެ އެކަންކަމުން އެބައިމީހުން ހިފެހެއްޓިއްޖެނަމަ، ޢީދުގެ މަޤްޞަދު ބާޠިލްވެގެން ދާނެއެވެ. އަދި ހަމަކަށަވަރުން ހުކުރު ދުވަހަކީ ޢީދެކެވެ. އަދި ފިޠުރު ޢީދާއި އަޟްޙާ ޢީދަކީ ވެސް ޢީދެވެ.

އެއްބާވަތެއްގެ ދެ އަޅުކަމެއް އެއްވެއްޖެ ނަމަ، އޭގެ ތެރެއިން އެއް އަޅުކަން އަނެއް އަޅުކަމުގެ ތެރެއަށް ވައްދާގޮތަށް ޝަރީޢަތުގައި އޮވެއެވެ. ވުޟޫ ހިނައިގަތުމުގެ ތެރެއަށް ވަންނަ ފަދައިންނާއި، އެއް ހިނައިގަތުން އަނެއް ހިނައިގަތުމުގެ ތެރެއަށް ވަންނަ ފަދައިންނެވެ. (والله أعلم.)

الشيخ ابن باز -رحمه الله تعالى ވިދާޅުވެފައިވެއެވެ. "އަދި ޢީދު ދުވަހާއި ހުކުރު ދުވަސް އެއް ދުވަހަކަށް ދިމާވެއްޖެނަމަ ޢީދު ނަމާދަށް ޙާޟިރުވި މީހަކަށް ހުކުރު ނަމާދު ކުރުމާއި މެންދުރު ނަމާދު ކުރުން ހުއްދަވެގެންވެއެވެ. މިކަމާ ގުޅޭގޮތުން ނަބިއްޔާ ﷺ ގެ ކިބައިން ޞައްޙަވެގެން އައިސްފައިވާ ގޮތެވެ. އެކަލޭގެފާނުގެ ކިބައިން ޞައްޙަވެގެން އައިސްފައިސްފައިވަނީ، ޢީދު ނަމާދަށް ޙާޟިރުވި މީހުންނަށް ހުކުރު ނަމާދުގެ ރުޚްޞަތު ދެއްވި ކަމަށެވެ. އަދި އެކަލޭގެފާނު ޙަދީޘް ކުރެއްވި އެވެ.

"ތިޔަބައިމީހުންގެ މި ދުވަހުގައި ދެ ޢީދެއް އެއްވެއްޖެއެވެ. ފަހެ ޢީދު ނަމާދު އަދާކުރި މީހާގެ މައްޗަށް ހުކުރު ނަމާދެއް ނެތެވެ. އެހެނަސް މެންދުރު ނަމާދު ދޫކޮށްނުލާށެވެ." އަދި އެންމެ މާތްވެގެންވަނީ މީސްތަކުންނާއެކު ހުކުރު ނަމާދު ކުރުމެވެ. ފަހެ ހުކުރު ނަމާދު ނުކޮށްފިނަމަ މެންދުރު ނަމާދު ކުރާނީއެވެ. އިމާމު މީހާއަށް އޮތީ ހުކުރު ނަމާދަށް ޙާޟިރުވި މީހުންނާ އެކު ހުކުރު ނަމާދު ކުރުމެވެ. އެއީ އިމާމު މީހާ ހިމެނޭގޮތަށް ތިން މީހުން ނުވަތަ އެއަށްވުރެ ގިނަ މީހުން ތިބިނަމައެވެ. ފަހެ އޭނާއާއެކު އެންމެ މީހަކު މެނުވީ ޙާޟިރުނުވާނަމަ އެ ދެމީހުން މެންދުރު ނަމާދު ކުރާނީއެވެ."

ނޯޓް: މިއީ ޝެއިހް މޫސާ އަންވަރު ހަސަންގެ ލިޔުއްވުމެކެވެ.