ދުނިޔޭގެ އެހެން ގައުމުތަކާ އަޅާބަލާ އިރު ރާއްޖޭގެ ޖަލުތަކުގެ ފެންވަރު ރަނގަޅު ކަމަށް ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
މާފުށީ ޖަލުގައި ބޭއްވި "ކަރެކްޝަނަލް އޮފިސާ ޓްރޭނިން ޕްރޮގްރާމް" ގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި އޭނަ ވިދާޅުވީ ޖަލުތަކުގައި މަސައްކަތްކުރާ އޮފިސަރުންނަކީ ވަރަށް ހީވާގި އަދި ޒިންމާދާރު ބައެއް ކަމަށެވެ. އަދި ހަމަ އެހެންމެ، ކަރެކްޝަންސްގެ އޮފިސަރުންގެ މައްސަލައެއް ވަރަށް މަދުން ނޫނީ ފާހަގަ ނުކުރެވޭ ކަމަށާއި، އެކަށީގެންވާ މިންވަރަށް އޮފިސަރުން ވަޒީފާއަށް ރެކްރޫޓް ކުރެވިފައި ނުވިޔަސް، އޮފިސަރުންގެ ޒިންމާ އަދާކުރުމުގައި ރަނގަޅަށް މަސައްކަތް ކުރާ މުއައްސަސާއެއްގެ ގޮތުގައި ކަރެކްޝަންސް ހިމެނޭކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
އެގޮތުން، ރާއްޖޭގެ ޖަލުތަކަކީ، ދުނިޔޭގެ އެކި ގައުމުތަކުގެ ޖަލުތަކާ އަޅާބަލާއިރު ފެންވަރު ރަނގަޅު ޖަލުތަކެއް ކަމަށް އިހުސާން ވިދާޅުވި އެވެ.
ރޭ ބޭއްވި "ކަރެކްޝަނަލް އޮފިސާ ޓްރޭނިން ޕްރޮގްރާމް" ގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި އަލަށް 9 އޮފިސަރުން މަގާމުގެ ހުވާކޮށްފައިވެ އެވެ.
ރާއްޖޭގެ ޖަލުތަކުގެ ހާލަތު ރަނގަޅު ކުރަން ގިނަ މަސައްކަތްކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން ތަމްރީނު ލިބިފައިވާ ގާބިލު މުވައްޒަފުން އިތުރު ކުރުމާއި ޖަލުތަކުގެ ޖާގައިގެ ދަތިކަން ހައްލު ކުރަން އަންނަނީ މަސައްކަތްތަކެއް ކުރެވެމުންނެވެ.
ރާއްޖޭގެ ޖަލުތަކަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލަކީ ޖާގައިގެ ދަތިތަކެކެވެ. އެހެންވެ ޖަލުތައް ތޮއްޖެހުގެ މައްސަލަ ބޮޑެވެ. މިކަމަށް ހައްލެއް ގެނުމުގެ ގޮތުން މިހާރު ވަނީ "ވާނުވާ" ބަންދުގައި ތިބޭ މީހުންނަށް ލުއިތަކެއް ވެސް ދޭން ފަށައިފަ އެވެ.