ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ދަށުން ދެމުން އަންނަ ފެރީގެ ޚިދުމަތް ރ. އަތޮޅުގައި ފެށުމަށް ވާން ޖެހޭ އެންމެފަހުގެ ތައްޔާރީތައް ވާން ފަށައިފި އެވެ.
މިކަމުގެ މަޢުލޫމާތު ހިއްސާ ކުރުމަށް އެ ހިދުމަތް ދޭ އެމްޓީސީސީގެ ޓިމެއް އެ އަތޮޅަށް ކޮންސަލްޓޭޝަން ދަތުރުތަކެއް ފަށާފައިވެ އެވެ. އެގޮތުން ރ. އަތޮޅުގެ ހުރިހާ ރަށަކަށް ދަތުރުކޮށް ރަށު ކައުންސިލްގެ އިދާރާތަކާއި ރަށުގެ މުހިންމު މުއައްސަސާތަކުގެ ބޭފުޅުންނާއެކު މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށް ހަމަޖެހިފައިވެ އެވެ.
އެމްޓީސީސީގެ ޓީމުގެ ދަތުރުގެ މައިގަނޑު ބޭނުމަކީ ރ. އަތޮޅުގެ ރަށެއްގައި ފެރީ ގިމަތަ އެޅުމަށް އެންމެ އެކަށީގެންވާ ސަރަޙައްދުތައް ދެނެގަތުމާއި، އެކަމަށް ބޭނުންވާ ބިން ހަމަޖެއްސުމުގެ މަސައްކަތް ކުރުމެވެ. މިއީ އާރްޓީއެލް ފެރީ ޚިދުމަތް ފެށުމުގެ ކުރިން ކުރަން ޖެހޭ މުހިންމު މަސައްކަތްތަކެވެ.
މި މަސައްކަތު ދަށުން ރ. އަތޮޅުގެ ހުރިހާ ރަށަކަށް ޤގަވާޢިދުން ފެރީ ދަތުރުތައް ކުރެވޭނެ ގޮތަށް ތާވަލެއް އެކުލަވައިލާނެ އެވެ.
ކުރިއަށް އޮތް ޖުލައި މަހުގެ ކުރިން ރ. އަތޮޅާއި ބ. އަތޮޅަށް އާރްޓީއެލް ފެރީގެ ހިދުމަތް ދޭން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ވިދާޅުވެފައިވެ އެވެ. އެ މަނިކުފާނު އެގޮތަށް ވިދާޅުވީ ރ. އަތޮޅަށް ކުރެއްވި ދަތުރުގެ ތެރެއިން އުނގޫފާރު ރައްޔިތުންނާއެކު ޖެނުއަރީ ޖެނުއަރީ 21 ވަނަ ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގަ އެވެ.
އާރްޓީއެލްގެ ހިދުމަތް ފެށީ 2022 ގަ އެވެ. އޭގެ ދަށުން ފެރީ އާއި ބަހުގެ ހިދުމަތް ވެސް ދެ އެވެ.
އާރްޓީއެލް ފެރީގެ ހިދުމަތް އެންމެ ފަހުން ފެށީ ނ. އަތޮޅުގަ އެވެ. އެއީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ.