މި މަހު ބެލުންތެރިންނަށް ދޫކޮށްލަން ތައްޔާރުވަމުން އަންނަ ފިލްމު "ސޮރީ" އަކީ މިހާތަނަށް އޭނަ ހެދި ހުރިހާ ފިލްމަކަށް ގޮންޖަހައިލާނެ ވަރުގެ ފިލްމެއް ޑައިރެކްޓަރު ފާތުމަތު ނަހުލާ ބުނެފި އެވެ.
މި މަހުގެ 17 ގައި އޮލިމްޕަހުގައި ޕްރީމިއާކުރަން ތައްޔާރުވަމުން އަންނަ ފިލްމުގެ ޕްރޮމޯޝަންގެ ތެރެއިން ފިލްމު މޭކިން ގެނެސްދޭން އުޅޭކަން ހިއްސާކޮށް މިއަދު އާންމުކުރި ވީޑިއޯއެއްގައި ކާމިޔާބު ޑައިރެކްޓަރު ބުނީ "ސޮރީ" އަކީ އޭނަ ކުރިން ހެދި ހުރިހާ ފިލްމަކަށް ގޮންޖަހާލާ ވަރުގެ އަސަރު ގަދަ ފިލްމަކަށްވާނެކަމުގެ ޔަގީންކަން ވެސް ދޭ ކަމަށެވެ.
ނަހުލާ އާންމުންގެ ތެރޭގައި މަޝްހޫރުވީ ވެސް ބެލުންރިން ރޮއްވައިލާ ކަހަލަ މެލޮޑްރާމާތައް ގެނެސްދޭ ޑައިރެކްޓަރެއްގެ ގޮތުގަ އެވެ. އެހެންވެ "ސޮރީ" ގެ ޕްރޮމޯޝަނަލް ހަރަކާތައް ފެށީއްސުރެ މި ފިލްމު ބަލަން ބެލުންތެރިން ދާން ވާނީ ރޯން ތައްޔާރުވެގެން ޓިޝޫ ވެސް ހިފައިގެން ކަމަށް އަންނަނީ ބުނަމުންނެވެ.
މިއަދު އާންމުކުރި ވީޑީއޯގައި ފިލްމުގެ ލީޑް އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ބުނީ މި ފިލްމަކީ ދިވެހި ސިނަމާގައި އާ ރެކޯޑެއް ހަދާނެ މޮޅު އަސަރު ގަދަ ވަރަށް ރީތި ފިލްމަކަށް ވާނެ ކަމަށެވެ. ބަތަލާ މަރިޔަމް އައްޒަ ބުނި ގޮތުގައި "ސޮރީ" އަކީ ސްކްރިޕްޓަކީ ކިޔަމުން ދިޔަ އިރު ވެސް ރޮއްވައިލި އެއްޗެއް ކަމަށެވެ.
މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ މި ފިލްމުގެ ކާސްޓްގައި ވާޝިޔާ މުހައްމަދު، އަހުމަދު އީސަ (އާނަންދު)، ޝީލާ ނަޖީބު، ހުސައިން ސޮބާހް އަދި އަލީ ޝަމީލް ފަދަ ތަރިން ހިމެނެ އެވެ. މީގެ އިތުރުން "ސޮރީ" އިން ކުޑަ ދެ އަންހެން ކުއްޖެއްގެ ރޯލުތަކެއް ވެސް ފެންނާނެ އެވެ.
އެއީ ނަހުލާގެ ހަގު ދަރިފުޅު ލާލި އާއި އޭނަގެ މާމަދަރިއެއް ކަމަށްވާ އެވްލީ އެވެ.
"ކަލާޔާ ނުލާ" އާއި "ޒުލޭހާ" އަދ "ޔޫސުފް" ފަދަ ކާމިޔާބު ފިލްމުތައް ލިޔެ، ޑައިރެކްޓްކޮށް ގެނެސްދިން ނަހުލާގެ އެންމެ ފަހުގެ ފިލްމަކީ 2016 ގެ ބިރުވެރި ފިލްމު "4426" އެވެ. ވާހަކަ ލިޔުންތެރިއެއްގެ ގޮތުގައި މަޝްހޫރުވި ނަހުލާ ޑައިރެކްޝަނަށް ނުކުތީ 1998 ގެ ފިލްމު "ފަހުނޭވާ" އިންނެވެ.