އިންޑިއާގެ އެކްޓަރު ސަންޖޭ ކަޕޫރްގެ ދަރިފުޅު، ޝަނާޔާ ކަޕޫރް ތައާތަފުކުރާ ފިލްމު "އާނކޯ ކީ ގުސްތާކިޔާ" ގެ ޓީޒާ މިއަދު ދައްކާލައިފި އެވެ.
އަންނަ މަހުގެ 11 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ މި ފިލްމަކީ ޕްރޮޑިއުސަރުން ކަމަށްވާ މާންސީ ބަގްލާ އާއި ވަރޫން ބަގްލާގެ ފިލްމު ކުންފުނި، މިނީ ފިލްމްސް އާއި ޒީ ސްޓޫޑިއޯސް ގުޅިގެން ގެނެސްދޭ ފިލްމެކެވެ
ލޯފަން މިއުޒިޝަނަކާއި ސްޓޭޖް ތަމްސީލުތައް ކުޅޭ ބަތަލާއަކާ ދެމެދު އުފެދޭ ގުޅުމެއްގެ ވާހަކަ ކިޔައިދޭނެ "އާނކޯ ކީ ގުސްތާކިޔާ" ގެ ޑައިރެކްޓަރަކީ ސަންތޯޝް ސިންގެވެ.
ޝަނާޔާ އެކު މި ފިލްމުގެ ބަތަލުގެ ފެންނާނީ މޮޅު ވިކްރާންތު މަސީ އެވެ.
ޝަނާޔާ ބޮޑު ސްކްރީނުން ބެލުންތެރިންނާ ބައްދަލު ކުރަން ތައްޔާރުވާ އިރު، އޭނަގެ އަތުގައި މިހާރު ވެސް އިތުރު ހަތަރު ޕްރޮޖެކްޓެއް އެބައޮތެވެ. އެއީ ޑައިރެކްޓަރު ބިޖޯއި ނަމްބިއާގެ "ތޫ ޔާ މޭ" އާއި މަލަޔާޅަމް އެކްޓަރު މޯހަންލާލުގެ ޕީރިއަޑް ފިލްމު "ރުޝުބާ" އާއި ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ވެބް ސީރީޒް "ސްޓޫޑެންޓް އޮފް ދި އިޔާ 3" ގެ އިތުރުން އެކްޓަރު އަބޭ ވަރުމާއާ އެކީ ކުޅެފައިވާ އަދި ނަން އިއުލާން ނުކުރާ ފިލްމެކެވެ.
ޝަނާޔާ އަކީ ފިލްމީ ތަރިން ކަމަށްވާ ސޯނަމް ކަޕޫރާއި އަރުޖުން ކަޕޫރާއި ޖާންވީ ކަޕޫރްގެ އިތުރުން ހުޝީ ކަޕޫރްގެ ކަޒިންއެކެވެ. އޭނަގެ ބައްޕަ ސަންޖޭ އަކީ ސޯނަމްގެ ބައްޕަ އެކްޓަރު އަނިލް ކަޕޫރާއި، އަރުޖުން އާއި ޖާންވީ އަދި ހުޝީގެ ބައްޕަ ޕްރޮޑިއުސަރު ބޯނީގެ ކޮއްކޮ އެވެ.