Last Updated: June 7, 13:34
Saturday, June 7, 2025
ދުނިޔެ

އިންޑިއާގައި ބޯހިމަނަން ތައްޔާރު ވަނީ

މިހާރު ދުނިޔޭގެ އާބާދީގެ ބޮޑު ގައުމު ކަމަށްވާ އިންޑިއާގައި ބޯހިމެނުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފަށަން ނިންމައިފި އެވެ.

ބޯހިމެނުމުގެ މަސައްކަތް ނުކުރެވި ގިނަ ދުވަސްތަކެއް ދިގުލައިގެން ގޮސްފައި ވަނިކޮށް، އެ މަސައްކަތް އަލުން ފަށާ އިރު، ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދަން ނިންމާފައިވާ ބޯހިމެނުގެ މަސައްކަތް އެއްކޮށް ނިންމައިލެވޭނީ 2027 ގަ އެވެ.

އިންޑިއާގެ ބޯހިމެނުން ވާނީ ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ބޯހިމެނުހެ ހަރަކާތަށެވެ.

ކުރިން އޮތް ގޮތުން އެ ގައުމުގައި ބޯހިމަނަން ޖެހެނީ 2020 ގަ އެވެ. ނަމަވެސް ސަރުކާރުން ބުނެފައިވާ ގޮތުގައި މިކަން ލަސްވާން ދިމާވި މައިގަނޑު ސަބަބަކީ ކޮވިޑްގެ ބަލިމަޑުކަމާ އެ ދުވަސްވަރު ކުރިމަތިލާން ޖެހި، އިދާރީ މި ބޮޑު މަސައްކަތަށް ތައްޔާރުވާން ހުރަސްތަކެއް ދިމާވުމެވެ.

އިންޑިއާގައި އެންމެ ފަހުން ބޯހިމެނީ 2011 ގަ އެވެ.

އެ ގައުމުގެ ހޯމް މިނިސްޓްރީން އިއްޔެ ބުނީ ބޯހިމެނުގެ މަސައްކަތް ރަސްމީކޮށް ފެށުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވެފައިވާ ކަމަށެވެ. އަދި މި މަސައްކަތް ނިންމަން ކަނޑައަޅާފައި އޮތީ މާޗް 1، 2027 ގައި ކަމަށް ބުންނެވެ.. އެކަމަކު ބޯހިމެނުގެ މަސައްކަތް ފަށާނެ ސީދާ ތާރީހެއް މިނިސްޓްރީން އަދި ހާމައެއް ނުކުރެ އެވެ.

އިންޑިއާގެ މިހާރުގެ އާބާދީ އަކީ 1.41 ބިލިއަނެވެ.