ޙައްޖާޖީންނަށް ދެއްވާ މެހެމާންދާރީއާއި ޚިދުމަތްތަކަށް ޓަކައި، ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު އަދި މާތްވެގެންވާ ދެޙަރަމްފުޅުގެ ޚާދިމް ސަލްމާން ބިން ޢަބްދުލް ޢަޒީޒަށާއި، ވަލީޢަހުދު މުޙައްމަދު ބިން ސަލްމާނަށާއި، އެ ޤައުމުގެ ސަރުކާރަށް ވަރަށް ޚާއްޞަ ޝުކުރެއް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަދާކުރައްވައިފި އެވެ.
ޢަރަބި ބަހުން ކުރެއްވި ޕޯސްޓެއްގައި، ސަޢޫދީ ޢަރަބިއްޔާގެ މި އޯގާތެރިކަން ރައީސް މުއިއްޒު ސިފަކުރައްވާފައިވަނީ، ހިތަށްވެސް ގެންނަންދަތި، މަތިވެރި ޚިދުމަތްތަކެއްގެ ގޮތުގައި އަދި ހުއްޓުމެއްނެތި ކުރައްވަވާ ބުރަ މަސައްކަތްޕުޅެއްގެ ގޮތުގަ އެވެ.
މި ޕޯސްޓުގައި ރައީސް ވަނީ ސަޢޫދީ ޢަރަބިއްޔާގެ ދީލަތި ރައްޔިތުންނަށް އިސްލާމްދީނަށް ޚިދުމަތްކުރުމުގެ ތައުފީޤު އަބަދުމެ ދެއްވުން އެދި ދުޢާ ކުރައްވާފަ އެވެ. އަދި މި އިޙްސާންތެރި ޚިދުމަތުގެ ހެޔޮ ދަރުމައާއި ޘަވާބު މިންވަރު ކުރެއްވުން އެދިވަޑައިގެންފައިވެ އެވެ.
ސަޢޫދީ ޢަރަބިއްޔާއަށް ރައްކާތެރިކަން ދެއްވުން އެދި ރައީސްގެ މި ޕޯސްޓުގައި ކުރައްވާފައިވާ ދުޢާގައި، ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒަށާއި، ވަލީޢަހުދު މުޙައްމަދު ބިން ސަލްމާނަށް ދިގު ޢުމުރުފުޅަކާއި، ފުރިހަމަ ޞިއްޙަތާއި ޢާފިޔަތުގެ ނިޢުމަތަށް އެދިވަޑައިގެންފައިވެ އެވެ. އަދި ޙަސަދަވެރީންނާއި، ޚިޔާނާތްތެރީންނާއި މަކަރުވެރީންގެ ނުރައްކަލުން ސަޢޫދީ ޢަރަބިއްޔާ ސަލާމަތްކޮށްދެއްވައި، އެ ޤައުމުގައި އަމާންކަމާއި ސިލްމާއި ސަލާމަތު ދަމަހައްޓަވައި، އުފާފާގަތިކަން ދެއްވައި، ޢިއްޒަތްތެރިކޮށްދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އެދިވަޑައިގެންފަ އެވެ.
ދިވެހި ޙައްޖާޖީންނަށް ވަރަށް ގިނަ ފަސޭހަތައް ސަޢޫދީ ސަރުކާރުން ދަނީ އަބަދުވެސް ފަހިކޮށް ދެއްވަމުންނެވެ. އެގޮތުން މައްކާ ރޫޓް އިނީޝިއޭޓިވްގައި، ޚާއްޞަ ހުއްދައަކާ އެކު ރާއްޖެ ބައިވެރިކުރެއްވުމާއި ގުޅިގެން، މި އަހަރުން ފެށިގެން ދިވެހި ޙައްޖާޖީންނަށް ދަތުރުގެ ބުރަތައް ވަނީ ވަރަށް ބޮޑަށް ލުއިވެފަ އެވެ. އަދި ޙައްޖުގެ މަނާސިކުތައް ފުރިހަމަ ކުރުމަށް ދިވެހި ޙައްޖާޖީން ތިބޭ ތަންތަނުގައި ވެސް ގިނަ ޚިދުމަތްތަކެއް ވަނީ އިތުރަށް ފަހިވެފަ އެވެ.