Last Updated: June 7, 13:34
Saturday, June 7, 2025
ދުނިޔެ

ޓްރަމްޕާއި މަސްކްގެ ގުޅުން ނިމުމަކަށް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ބިލިއަނަރު އިލޮން މަސްކް އާއި ދެމެދު އޮތް ގާތް އެކުވެރި ގުޅުން ނިމުމަކަށް އައިސް އެކަކު އަނެކަކަށް ހޫނު ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފި އެވެ.

މަސްކްގެ ފާޑުކިޔުން ޓްރަމްޕަށް އަމާޒުވާން ފެށީ އެމެރިކާ ސަރުކާރުން ކޮންގްރެސް އަށް ހުށަހެޅި ޓެކްސް ބިލާއި ގުޅިގެންނެވެ. އެ ބިލު ކޮންގްރެސް އަށް ބަލައިގެންފައިވާއިރު މަސްކް ވަނީ އެ ބިލަކީ "ނުބައި ހަޑިމުޑުދުދާރު އެއްޗެއް" ކަމަށް ބުނެ، އެ ބިލަށް ވޯޓުދިން މެމްބަރުން ލަދުގަންނަންޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މި ބިލުން އެމެރިކާގެ ޤައުމީ ދަރަނި އިތުރުވާނެ ކަމަށްވެސް މަސްކް ވިދާޅުވެފައިވެ އެވެ.

މި ބިލު ދިފާއުކުރައްވަމުން ޓްރަމްޕް ވިދާޅުވީ މި ބިލުގެ ކަންކަން އެންމެ ރަނގަޅަށް އެނގޭނެ އެކަކަކީ މަސްކް ކަމަށާއި މި ބިލު އޭނާއަށް މައްސަލައަކަށްވީ ހަމަ ކުއްލިއަކަށް ކަމަށެވެ. އަދި ހަގީގަތުގައި މަސްކްގެ ކަންބޮޑުވުމަކީ މަސްކްގެ ޓެސްލާ ވިޔަފާރީގައި ހިމެނޭ އިލެކްޓްރިކް ވެހިކަލްތަކަށް ދެމުން އައި ސަބްސިޑީތަކާއި މެންޑޭޓްތައް އުވާލުމުން ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. ނަމަވެސް މި ވާހަކަތައް މަސްކް ދޮގުކުރެއްވި އެވެ.

ޓްރަމްޕަށް ބަހުގެ ހޫނު ހަމަލާތަކެއް ދެއްވަމުން މަސްކް ވަނީ އޭނާއާ ނުލައި މިދިޔަ ނޮވެމްބަރު މަހު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިހާބުން ޓްރަމްޕް ބަލިވީސް ކަމަށާއި އަދި އެމެރިކާގެ ކޮންގްރެސް އާއި ސެނެޓްގެ ކޮންޓްރޯލް ވެސް ޑިމޮކްރެޓުން ހޯދީސް ކަމަށް ވިދާޅުވެފަ އެވެ. އަދި އެމެރިކާގައި އާ ސިޔާސީ ޕާޓީއެއް ގާއިމުކުރުމާމެދު އާންމުން ދެކޭގޮތް ބެލުމަށް މަސްކް ވަނީ އެކްސްގައި ވޯޓަކަށް ވެސް ހުޅުވާލައިފަ އެވެ.

މަކްސް ވަނީ މިދިޔަ ރިޔާސީ އިންތިހާބު ޓްރަމްޕަށް ކާމިޔާބުކޮށްދިނުމުގައި މުހިއްމު ރޯލެއް އަދާކޮށްފަ އެވެ. އެގޮތުން ޓްރަމްޕްގެ ކެމްޕޭނަށް މަކްސް 290 މިލިއަން ޑޮލަރު ހަރަދު ކުރެއްވި ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ޓްރަމްޕާއި މަސްކްގެ ގުޅުން ނިމުމަކަށް އައިސްފައިވާއިރު، މަސްކް ވަނީ ޓްރަމްޕު ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ މަސައްކަތުގައި ވެސް ދުވަސްތަކެއް ވަންދެން އުޅެފަ އެވެ.