Last Updated: June 7, 13:34
Saturday, June 7, 2025
ކުޅިވަރު

ފްރާންސް ބަލިކޮށް ސްޕެއިން ފައިނަލަށް

ފްރާންސް 5-4 އިން ބަލިކޮށް، ސްޕެއިނުން ޔުއެފާ ނޭޝަންސް ލީގުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ސްޕެއިނަކީ މި މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަނުންނެވެ. އަންނަ އާދީއްތަ ދުވަހުގެރޭ ކުޅޭ ފައިނަލްގައި ސްޕެއިން ނިކުންނާނީ ޕޯޗުގަލްއާ ދެކޮޅަށެވެ. ޕޯޗުގަލް ފައިނަލުން ޖާގަ ހޯދީ ޖަރުމަނު ބަލިކުރުމަށްފަހު އެވެ.

މި މެޗުގެ ފުރަތަމަ ހާފް ސްޕެއިނުން ނިންމާލީ ދެ ގޯލުގެ ލީޑަކާއެކު އެވެ. އެގޮތުން ސްޕެއިންގެ ފުރަތަމަ ގޯލު މެޗުގެ 22 ވަނަ މިނެޓްގައި ނިކޯ ވިލިއަމްސް ކާމިޔާބުކޮށްދިން އިރު، އޭގެ ތިން މިނެޓް ފަހުން ސްޕެއިންގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ މިކޭލް މެރީނޯ އެވެ.

އަދި މެޗުގެ 54 ވަނަ މިނެޓްގައި ސްޕެއިނަށް ލިބުނު ލަމީން ޔަމާލް ސްޕެއިންގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިން އިރު، އޭގެ މިނެޓެއް ފަހުން ސްޕެއިންގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދިނީ ޕެޑްރީ އެވެ. ފްރާންސްގެ ފުރަތަމަ ގޯލަކީ މެޗުގެ 59 ވަނަ މިނެޓްގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކިލިއަން އެމްބާޕޭ ކާމިޔާބުކޮށްދިން ގޯލެކެވެ. ސްޕެއިންގެ ފަސްވަނަ ގޯލު މެޗުގެ 67 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޔަމާލް އެވެ.

ސްޕެއިންގެ މި ގޯލުތަކާއެކު ފްރާންސުން ބަދަލުތަކެއް ގެނެސްގެން، ކުޅުން ރަނގަޅުކޮށް ވަނީ ތިން ގޯލު ކާމިޔާބުކޮށްފަ އެވެ. އެގޮތުން މެޗުގެ 79 ވަނަ މިނިޓްގައި ފްރާންސްގެ ދެވަނަ ގޯލު ރަޔާން ޗާކީ ކާމިޔާބުކޮށްދިންއިރު، އޭގެ ހަ މިނިޓްފަހުން ފްރާންސުން ކާމިޔާބުކުރި ތިންވަނަ ގޯލަކީ ސްޕެއިނުގެ ޑިފެންޑަރު، ޑެނީ ވިވިއަން އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. އަދި، އިތުރު ވަގުތުގެ ފަސް ވަަނަ މިނިޓް ތެރޭ، ފްރާންސްގެ ރަންޑަލް ކޯލޯ މުއާނީ ބޮލުން ބޯޅަ ގޯލަށް ވައްދާލައި، އެއް ގޯލަށް ފަރަގު ކުޑަކުރި އެވެ.

އިތުރު ގޯލެއް ކާމިޔާބުކުރަން ފްރާންސުން ވަރަށް ބޮޑަށް މަސައްކަތް ކުރި ނަމަވެސް އެޓީމަށް ވަނީ އެކަން ކާމިޔާބުވާ ގޮތް ނުވެފަ އެވެ.