ދަރިންނަކީ ހެޔޮލަފާ، ކިޔަމަންތެރި ބަޔަކަށް ހެދުމަށް މަސައްކަތް ކުރުމަށް މިއަދުގެ އީދު ޚުތުބާގައި ގޮވާލައިފި އެވެ.
ޢީދު ޚުތުބާގައި ބުނީ إِسْمَاعِيْلُ عَلَيْهِ السَّلَام ދެއްކެވި ކިޔަމަންތެރިކަމަކީ ޒުވާނުންނަށް ލިބިގެންވާ ހެޔޮ ނަމޫނާއެއް ކަމަށާއި އަދި މައިންބަފައިންނަށް ކިޔަމަންގަންނާން ޖެހޭ މިންވަރުގެ ދިރިހުރި މިސާލެއް ކަމަށެވެ.
މިއަދު ދަރީން މައިންބަފައިންނަށް ނުކިޔަމަންތެރިވެ، ބަސް ނާހާ ވާހަކަ އަޑު އިވޭ ކަމަށާއި ދަރީން ހެޔޮލަފާ، ކިޔަމަންތެރި ބަޔަކަށް ހަދަން މަސައްކަތްކުރުމަކީ އެންމެންގެ މަސްއޫލިއްޔަތެއް ކަމަށް ހުތުބާގައި ބުނެފައިވެ އެވެ.
"މިއަދު އީދު ފާހަގަ ކުރާއިރު إِبْرَاهِيْم عَلَيْهِ السَّلَامއާއި إِسْمَاعِيْلُ عَلَيْهِ السَّلَام ވެވަޑައިގަތް މަތިވެރި ޤުރުބާނީއިން އިބުރަތް ހާސިލުކުރާން ޖެހެވެ. އެއީ މާތްلله އަށް ކިޔަމަންތެރިވުމާއި ކެތްތެރިވުމުގެ ދަރުސެއް،" ހުތުބާގައި ވެ އެވެ.
ހުތުބާގައި ވަނީ އިސްލާމީ އުންމަތް ނިކަމެތިވުމުގެ އެންމެ ބޮޑު ސަބަބަކީ، މާތްالله އާއި އެކަލާނގެ ރަސޫލާ ގެ އެންގެވުންތަކާ ދުރުހެލިވުމާއި ވެރީންނާއި މައިންބަފައިންނާއި ބޮޑުންގެ ބަސް ނޭހުމުން ކަމަށް ބުނެފަ އެވެ.
"ކީރިތި ރަސޫލާގެ ސަހާބީންގެ ކުރިފުޅު މަތީގައި ދުނިޔެ ތިރިވެ، ކުޑަކަކޫ ޖަހައި، ކިޔަމަންގަތީ ކީއްވެގެންތޯއެވެ! އިސްލާމް ދީނަށް ފައުޖުފައުޖަށް މީސްތަކުން ވަނީ ކީއްވެގެންތޯއެވެ! އެ ބޭކަލުންގެ މުއްސަނދިކަމަކުން ނޫނެވެ. އެ ބޭކަލުންގެ ހަށިކޮޅުތައް ވަރުގަދަކަމަކުން ވެސް ނޫނެވެ. އެކަމަކު އެ ބޭކަލުންގެ އިޚްލާޞްތެރިކަމާއި ކިޔަމަންތެރިކަމުގެ ސަބަބުންނެވެ،" ޚުތުބާގައި ބުނެފައިވެ އެވެ.
ޢީދު ޚުތުބާގައި ވަނީ މާތްﷲ އަށް ބިރުވެތިވެ ތަޤުވާވެރިވާން އެންމެހައި މުސްލިމުންނަށް ނަސޭހަތްތެރިވެފަ އެވެ. އަދި، ޢީދުން އާ ޞަފުޙާއެއް ހުޅުވާލައި، މުޅި ހަޔާތުގެ އަމުރުވެރި ފަރާތަކީ އިސްލާމްދީންކަމުގައި ހަދަން ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފަ އެވެ.