ޔުނައިޓެޑް ނޭޝަންސް އޯޝަންސް ކޮންފަރެންސްގެ ތިންވަނަ ބައްދަލުވުމުގައި ރާއްޖެ ތަމްސީލުކުރައްވާ އެންމެ އިސްވެރިއެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ފްރާންސަށް ފުރާވަޑައިގެންފި އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ ޖޫން 9 އިން 13 އަށް ފްރާންސްގެ ނީސްގައި ކުރިއަށްދާ މި ކޮންފަރެންސް ހުޅުވާ ސެޝަނުގައި ރާއްޖޭގެ ފަރާތުން ވަޒީރު ޝިޔާމް ވާހަކަފުޅު ދައްކަވާނެ ކަމަށެވެ.
ވަޒީރުގެ ވާހަކަފުޅުގައި ރާއްޖޭގައި ކުރާ ދެމެހެއްޓެނިވި މަސްވެރިކަން ފާހަގަކުރައްވައި، ރާއްޖެ ފަދަ ކުޑަ، ޖަޒީރާ ޤައުމަކުން ކަނޑުގެ ވެށި ޙިމާޔަތްކޮށް، ބެލެހެއްޓުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލާނެ ކަމަށާއި އަދި މިފަދަ މަސައްކަތްތަކުގައި ދިމާވާ ގޮންޖެހުންތައްވެސް ވަޒީރުގެ ވާހަކަފުޅުގައި ފާހަގަ ކުރައްވާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މި ކޮންފަރެންސްގެ އެކި ސެޝަންތަކުގައި ރާއްޖެއިން ބައިވެރިވުމަށް ހަމަޖެހިފައިވާއިރު، ރާއްޖޭގެ ފަރާތުން ވަކާލާތު ކުރާނެ އެންމެ މުހިންމު އެއް ނުކުތާއަކީ، ކަނޑުގެ ނާޒުކު ވެށި ރައްކާތެރިކުރުމާއެކު ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރާ ޤައުމުތަކުގެ މަސައްކަތްތައް މިހާރަށްވުރެ ބޮޑަށް ބައިނަލްއަޤްވާމީ ދުނިޔެއިން ބަލައިގަތުމުގެ މުހިއްމުކަމާ ގުޅޭގޮތުން ކަމަށެވެ.
އަދި ވަކިން ހާއްސަކޮށް ތިމާވެއްޓާއި ކަނޑުގެ ވަސީލަތްތައް ރާއްކާތެރިކުރުމަށް ބައިނަލްއަޤްވާމީގޮތުން ކަނޑައެޅޭ ފަންޑު އިތުރުކުރުމުގެ މުހިއްމުކަމަށާއި، އަދި މިފަދަ ފަންޑުތައް މެދުވެރިކޮށް އެހީ ފޯރުކޮށްދިނުމުގައި ރާއްޖެ ފަދަ ތިމާވެށީގެ ގޮތުން ނާޒުކު ގައުމުތަކާއި، ތިމާވެށި ރައްކާތެރިކުރުމަށާއި ދެމެހެއްޓެނިވި ގޮތުގައި ކަނޑުގެ ވަސީލަތްތައް ބޭނުންކުރުމަށް އެކަށީގެންވާ ފިޔަވަޅުތައް މިހާރުވެސް އަޅައި ތަންފީޒުކުރަމުންދާ ޤައުމުތަކަށް ހާއްސަ އިމްތިޔާޒްތަކެއް އޮންނަ ނިޒާމެއް ޤާއިމްކުރުމުގެ މުހިއްމުކަމުގެ މައްޗަށް ވަކާލާތުކުރާނެ ކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެ އެވެ.