ސުޕަހީރޯ ފިލްމަކަށް ސޮއިކޮށްފައިވާކަން ބޮލީވުޑްގެ މަޝްހޫރު ތަރި، އާމިރު ޚާން ކަށަވަރުކޮށް ދީފި އެވެ.
މި މަހުގެ 20 ގައި ރިލީޒްކުރާ އޭނަގެ އާ ފިލްމު "ސިތާރޭ ޒަމީން ޕަރް" ގެ ޕްރޮމޯޝަނަލް އިވެންޓެއްގައި 60 އަހަރުގެ އެކްޓަރު އިއްޔެ ރޭ ބުނީ ސޮއިކުރި ސުޕަހީރޯ ފިލްމުގެ މަސައްކަތް ފަށާނީ އަންނަ އަހަރުގެ މެދުތެރޭގައި ކަމަށެވެ.
މިދިޔަ އަހަރު މީޑިއާތަކުން ރިޕޯޓްކުރި ގޮތަށް މި ފިލްމަކީ ކުޅަދާނަ ތެލެގޫ ޑައިރެކްޓަރު ލޮކޭޝް ކަނަގަރާޖްގެ ފިލްމެކެވެ. ނަމަވެސް އޭނައާ އެކު މަސައްކަތް ކުރަން ލިބުނު ސުޕަހީރޯ ފިލްމާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް އާމިރު ނުދެ އެވެ.
"މި ވަގުތަށް ބުނެވެން އޮތް ވަރަކީ މިއީ ބޮޑު ބަޖެޓަކުން ހަދަން ނިންމާފައިވާ ވަރަށް ވަރުގަދަ ސުޕަހީރޯ އެކްޝަން ފިލްމެކޭ،" އޭނަ ބުންޏެވެ. "މީގެ މަަސައްކަތް އަންނަ އަހަރުގެ މެދުތެރޭގައި ފަށާ ގޮތަށް ޕްލޭންކޮށްފައި އޮތީ. އެހެންވެ މިއަށް ވުރެ ދެން އިތުރަށް ބުނާނެ އެއްޗެއް މި ވަގުތަކު ނެތް."
"ކައިތީ" އާއި "މާސްޓާ" އަދި "ވިކްރަމް" ފަދަ މަގުބޫލު ތެލެގޫ ފިލްމުތައް ގެނެސްދިން ލޮކޭޝްގެ ސުޕަހީރޯ ފިލްމަކަށް އާމިރު ސޮއިކުރި އިރު، އޭނަ ރަޖްނީކާންތާ އެކި މި އަހަރުގެ އޮގަސްޓްގައި ގެނެސްދޭން ތާވަލުކޮށްފައި އޮތް އެކްޝަން ތުރިލާ "ކޫލީ" ގެ ހާއްސަ ފެނިލުމަކުން ވެސް އާމިރު ފެންނާނެ އެވެ.
ލޮކޭޝްގެ އެންމެ ފަހުގެ ފިލްމަކީ ވިޖޭއާ އެކު 2023 ގައި ގެނެސްދިން އެކްޝަން ތުރިލާ "ލިއޯ" އެވެ.
"ސިތާރޭ ޒަމީން ޕަރު" އަށް ފަހު އާމިރު ކުޅެން އޮތް ފިލްމަކީ އިންޑިއާގެ ސިނަމާގެ ބައްޕަ، ދާދާސާހެބް ޕާލްކޭގެ ވާހަކަ ކިޔައިދޭން ހަމަޖެހިފައިވާ ބައޮގްރަފިކަލް ޑްރާމާ އެވެ. މީގެ ޑައިރެކްޓަރަކީ އާމިރުގެ "3 އިޑިއަޓްސް" އާއި "ޕީކޭ" ގެނެސްދިން ރާޖްކުމާރު ހިރާނީ އެވެ.
އާމިރުގެ އެންމެ ފަހުގެ ފިލްމަކީ 2022 ގެ "ލާލު ސިންގް ޗައްޑާ" އެވެ.