Last Updated: June 8, 05:57
Sunday, June 8, 2025
ޚަބަރު

ސަރުކާރުގެ ޓެކްސީ ލައިން އޮގަސްޓަށް ފަސްކޮށްފި

ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ފެށުން އޮގަސްޓް މަހަށް ފަސްކޮށްފި އެވެ.

ޓްރާންސްޕޯޓްރީގެ އޮފިޝަލަކު ވިދާޅުވީ ކުރިން އަންނަ މަހުގެ ތެރޭގައި ފަށަން ޕްލޭންކުރި އެ ހިދުމަތް އޮގަސްޓަޑް ފަސްކުރީ ތައްޔާރީތަކަށް އިތުރު ވަގުތު ބޭނުންވާތީ ކަމަށެވެ. ނަމަވެސް އިތުރު އެއްވެސް ތަފުސީލެއް ނުދެއްވަ އެވެ.

ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް ވެހިކަލް (އީވީ) ބޭނުންކޮށްގެން ތައާރަފު ކުރަން ހަމަޖެހިފައިވާ ޓެކްސީ ލައިންގެ ހިދުމަތް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް އަންނަނީ ވަމުންނެވެ. މި ހިދުމަތް ދޭން ނިންމާފައި އޮތީ އެމްޓީސީސީއާ ހަވާލުކޮށްނެވެ.

ޓެކްސީ ލައިން ޚިދުމަތުގައި ބޭނުން ކުރުމަށް ހަމަޖެހިފައިވާ އީވީތައް ޕާކްކުރުމަށް ހުޅުމާލޭގެ ތިން ވަނަ ފިޔަވަހިން ސަރަހައްދެއް ވެސް މިހާރު އޮތީ ހަމަޖައްސައިފި އެވެ. ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވަނީ މި މަހުގެ 4 ވަނަ ދުވަހު ޒިޔާރަތްކުރައްވައި، އެ ސަރަޙައްދު ބައްލަވާލައްވާފައިވާ އެވެ.

ސަރުކާރުން ޓެކްސީ ލައިންގެ ހިދުމަތް ދޭން ނިންމާފައި އޮތީ ތިން ފޭހަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި ހިދުމަތް ފަށާނީ މާލެ، ހުޅުމާލެ އަދި ވީއައިއޭއަށެވެ. އޭގެ ފަހުން 2026 އާއި 2027 ގައި ވިލިނގިއްޔާއި ތިލަފުށީގައި ހިދުމަތް ފެށުމަށް ފަހު ތިން ވަނަ ފިޔަވަހި ނިންމަން ކަނޑައަޅާފައި ވަނީ 2029 ގެ ނިޔަލަށެވެ. އެގޮތުން އެންމެ ފަހުން ހިދުމަތް ފަށާނީ ރަސްމާލެ އާއި ގިރާވަރުފަޅާއި އައްޑޫގެ އިތުރުން ފުވައްމުލަކާއި ކުޅުދުއްފުށީގަ އެވެ.

ސަރުކާރުން ޓެކްސީގެ ހިދުމަތުގެ ތެރެއަށް ވަންނާތީ މާލެ ސަރަހައްދުގެ ޓެކްސީ ޑްރައިވަރުން ކަންބޮޑުވުން ފާޅުކޮށް އެކަން ހުއްޓާލަން ސަރުކާރަށް ތަކުރާރުކޮށް ގޮވާލާފައިވެ އެވެ.

ނަމަވެސް ޓްރާންސްޕޯޓް މިނިސްޓަރު ވިދާޅުވެފައި ވަނީ ސަރުކާރުން ޓެކްސީގެ ހިދުމަތް ދިނަސް، އެ ހިދުމަތް މިހާރު ދޭ އެެހެން ފަރާތްތަކަށް އެކަމުގެ ސަބަބުން ގެއްލުމެއް ނުވާނެ ކަމަށެވެ.