Last Updated: July 17, 18:07
Saturday, July 18, 2026
ޚަބަރު

މަނާ ގަޑީގައި ވެހިކަލް ދުއްވި 11 މީހަކު ޖޫރިމަނާ ކޮށްފި

އަޟްހާ އީދު ދުވަހުގައި މާލޭ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާކުރި ވަގުތުގައި އުޅަނދު ދުއްވައިގެން 11 މީހަކު ޖޫރިމަނާ ކޮށްފި އެވެ.

ފުލުހުން ބުނީ ވެހިކަލް ދުއްވުން މަނާ ވަގުތުގައި ވެހިކަލް ދުއްވައިގެން 141 މީހަކަށް ނަސޭހަތް ދެވުނު ކަމަށެވެ. އަދި 11 މީހަކު ޖޫރިމަނާކޮށްފައިވާއިރު، ތިން ފަރާތެއްގެ ސައިކަލު ޓޯކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އޭގެތެރޭގައި ހިމެނެނީ ނުރައްކާތެރިކޮށް ސައިކަލު ދުއްވި ފަރާތަކާއި، ލައިސެންސް މުއްދަތު ހަމަވެފައި އޮއްވާ ދުއްވި ފަރާތެއްގެ އިތުރުން އެއްގޮތަކަށް ވެސް ލައިސެންސް ނެތި ދުއްވި ފަރާތެކެވެ.

އީދު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް މާލެއާއި ވިލިމާލޭގެ ހުރިހާ މަގެއްގައި އުޅަނދުތައް ދުއްވުން އޮތީ މަނާކޮށްފަ އެވެ.

ކޮންމެ އީދު ދުވަހެއްގައިވެސް ހަވީރު ވަގުތުގައި ވެހިކަލު ދުއްވުން މަނާކުރަނީ އާއިލާއާއެކު ކުޑަކުދިންނާއި ބޮޑެތި މީހުންނަށްވެސް އީދު އެންމެ ފުރިހަމަ ގޮތުގައި ފާހަގަކުރުމުގެ މަގު ފަހިކޮށްދިނުމަށެވެ.