Last Updated: June 8, 18:16
Monday, June 9, 2025
ރިޕޯޓް

ސިކުނޑީގެ ކަނާތް ފަރާތާއި ވާތް ފަރާތުގެ ވިސްނުން!

އިންސާނާގެ ސިކުނޑި މަސައްކަތްކުރާ ގޮތާ ދޭތެރޭ ކުރެވޭ ދިރާސާތަކުގެ އަލީގައި މިހާރު ޤަބޫލުކުރެވޭ އެއް ކަމަކީ ވިސްނާ ފިކުރުކުރުމުގައި ސިކުނޑީގެ ދެފަޅި މަސައްކަތްކުރާ ގޮތް ތަފާތުކަމެވެ. ސިކުނޑީގެ ދެފަޅީގައި ވިސްނާ ވިސްނުމުގެ ފިޒިއޮލޮޖީ ނުވަތަ ވިސްނުމުގެ ޢަމަލީ މަސައްކަތްކުރާގޮތް ތަފާތެވެ. ވިސްނާ ދާއިރާތައް ވެސް ތަފާތެވެ.

ވިސްނާ ފިކުރުކުރުމުގައި ސިކުނޑި މަސައްކަތް ކުރާގޮތަށް ބަލާއިރު މައިގަނޑު ދެބަޔަކަށް ސިކުނޑި ބަހާލެވިދާނެ އެވެ. އެއީ "ކަނާތު ސިކުނޑި" އާއި "ވާތު ސިކުނޑި" އެވެ.

ސިކުނޑީގެ ވާތްފަރާތް ނުވަތަ "ވާތު ސިކުނޑީގެ" މަސައްކަތް

ތަފާތު ދިރާސާތައް ދައްކާ ގޮތުގައި އިންސާނާގެ ސިކުނޑީގެ ވާތްފަރާތް ޚާއްޞަ ވެގެންވަނީ ތަފްޞީލް ދެނެގަތުމަށެވެ. ކޮންމެ ކަމެއްގެވެސް ތަފްޞީލްތައް ވަކިވަކީން ފާހަގަކޮށް ދެނެގަތުމަކީ “ވާތު ސިކުނޑީން” ކުރާ މަސައްކަތެއް ކަމަށް މިހާރު ޤަބޫލުކުރެވެއެވެ. މިސާލަކަށް މީހެއް ދެނެގަތުމުގައި އޭނާގެ ހަށިގަނޑުގެ ގުނަވަންތައް ހުންނަގޮތް ދެނެގަތުމާއި އޭނާ ލައިގެން ހުރި ހެދުމުގެ ތަފްޞީލްތައް ދެނެގަތުމަކީ ސިކުނޑީގެ ވާތް ފަރާތުގެ މަސްޢޫލިއްޔަތެއް ކަމަށް ބެލެވެ އެވެ.

ޤަބޫލު ކުރެވޭ ގޮތުގައި ހަމަވިސްނުމާއި، ކަންކަން ތަރުތީބު ކުރުމާއި، ދިރާސާކުރުމާއި، ވަކި ހަމަތަކަކާއި، އިންތަކެއްގެ ތެރޭގައި ޚިޔާލާއި ފިކުރު ގެންގުޅުމާއި، ލިޔެކިޔުމާއި ބަސްބަހުގެ މާނަ ދޭހަކުރުމަކީ ވާތު ސިކުނޑީގެ މަސްޢޫލިއްޔަތެކެވެ.

ސިކުނޑީގެ ކަނާތްފަރާތް ނުވަތަ “ކަނާތު ސިކުނޑީގެ” މަސައްކަތް

މީހެއް ދެނެގަތުމުގައި އޭނާގެ ތަފްޞީލުތައް ދެނެގަތުމަކީ ވާތު ސިކުނޑީގެ މަސްޢޫލިއްޔަތެއް ކަމަށް ބެލެވޭ އިރު އޭނާގެ ޖުމްލަ ސިފަތައް (މިސާލަކަށް އޯގާތެރިކަން، ރީތިކަން، މަޑުމައިތިރިކަން) ދެނެގަތުމަކީ ކަނާތު ސިކުނޑީގެ މަސައްކަތެއްކަމަށް ބެލެވެ އެވެ. ސިކުނޑީގެ ކަނާތް ފަރާތް ޚާއްޞަ ކުރެވިފައިވަނީ ޖުމްލަ މަންޒަރާއި އިޙުސާސުތައް ދެނެގަތުމަށެވެ.
މިސާލަކަށް ޖުމްލަ ގޮތެއްގައި ކަމެއް ރަގަޅުކަމަށް ކަނާތު ސިކުނޑި ބުނާއިރު އެކަމެއް ރަގަޅުވީ ކީއްވެކަން ތަފްޞީލްކޮށް ވިސްނާނީ ވާތު ސިކުނޑިންކަމަށް ބެލެވެ އެވެ.

ޤަބޫލު ކުރެވޭ ގޮތުގައި އައު ޚިޔާލު ނެރުމާއި، ލަފާކުރުމާއި، އަންދާޒާ ކުރުމަކީ ވެސް ކަނާތު ސިކުނޑީގެ މަސްޢޫލިއްޔަތެކެވެ.

ވިސްނުމާއި، ސިކުނޑީގެ ދެ ފަރާތާ ހުރި ގުޅުން

ވަކި މީހަކީ ވަރަށް ރަގަޅު، ޚުލްޤު ހެޔޮ މީހެއްކަމަށް ހިތްބުނާ އިރު، އެ މީހާ ރަނގަޅުވީ ނުވަތަ ހެޔޮވީ ކީއްވެގެންކަން ބުނެދޭން ނޭނގޭ ފަހަރު އާދެ އެވެ. ހަމައެފަދައިން ވަކިމީހަކާ އާދަޔާ ޚިލާފަށް ގަޔާވާކަމަށް ޤަބޫލު ކުރެވޭއިރު، އޭނާޔާ ގަޔާވަނީ ވަކި މިވެނި ކަމެއް ވެގެންނޭ ބުނެދޭން ނޭނގޭ ފަހަރު ވެސް އާ ދެއެވެ. ޖުމްލަ މަންޒަރު ދެނެގަތުމާ، އެމަންޒަރުގެ ތަފްޞީލްތައް ފާހަގަ ކުރުމަކީ ސިކުނޑީގެ ތަފާތު ދެ ދިމާލަކުން ކުރާ ދެމަސައްކަތަކަށް ވާނަމަ، މިހެންވުމަކީ އެކަށީގެންވާ ކަމެކެވެ.

ކަމާބެހޭ މާހިރުން ބަޔާންކުރާ ގޮތުގައި އިންސާނުންގެ ތެރޭގައި ގިނައީ ވިސްނުމުގައި ސިކުނޑީގެ ކޮންމެވެސް އެއް ފަޅިއަކަށް ބުރަވާ މީހުންނެވެ. ވިސްނުމުގައި އެއްބައި މީހުންނަށް ފަސޭހައީ ޖުމްލަ މަންޒަރު ދެނެގަންނާށެވެ. މިމީހުންނަށް ތަފްޞީލްތަކާ ދިމާލަށް ދާކަށް އެހާ ފަސޭހައެއް ނޫނެވެ. މިފަދަ މީހުންނަކީ ކަނާތު ސިކުނޑީގެ ބޭނުން ބޮޑަށް ހިފާ މީހުންނެވެ. އަނެއްބައި މީހުންނަށް ފަސޭހައީ ތަފްޞީލްތަކަށް ގޮސް، އެތަފްޞީލުތަކުގެ އަލީގައި ނިންމުމެއް ނިންމާށެވެ. މިފަދަ މީހަކު ބައިވެރިޔަކު ހޯދާ އިރު އެބައިވެރިޔާގެ އެކިއެކި ޢަމަލުތަކާއި އުޅުމާއި

ގުޅުންތަކާއި މިނޫންވެސް ތަފާތު ގިނަ ކަންކަމަކަށް ވިސްނާފައި މެނުވީ އެބައިވެރިޔާއަކީ ރަނގަޅު މީހެއްކަމަށް ނުނިންމާނެ އެވެ. މިފަދަ މީހުންނަކީ ވާތު ސިކުނޑީގެ ބޭނުން ބޮޑަށް ހިފާ މީހުންނެވެ. ސިކުނޑީގެ ދެފަރާތް ހަމަހަމައަށް ބޭނުންކޮށްގެން ވިސްނާމީހުންގެ ޢަދަދު މަދުކަމުގައި ވިޔަސް، ކޮންމެ އިންސާނަކު ވެސް ސިކުނޑީގެ ދެ ފަރާތް ކޮންމެ ވެސް ވަރަކަށް ބޭނުން ކުރެ އެވެ.

ލެބޯޓްރީ ތަޙުލީލުތަކުން ދައްކާ ގޮތުގައި ކޮންމެ ކަމަކާއި ދޭތެރޭ މީހަކު ވިސްނިކަމުގައި ވިޔަސް ކަނާތު ސިކުނޑި އާއި ވަތު ސިކުނޑިއާ ދޭތެރޭގައި މުވާޞަލާތުކުރެވެ އެވެ. ނަމަވެސް މިމުވާޞަލާތު ކުރެވޭ މިންވަރު އެކި މީހުންގެ ތަފާތެވެ. ކަމެއްގެ ދެކޮޅު ރަނގަޅަށް ބަލާ ކަންތައްތައް ނިންމާ މީހުންގެ ސިކުނޑީގެ ދެ ބައިގެ ދެމެދުގައި އާދަޔާޚިލާފަށް މުވާޞަލާތު ކުރެވޭކަމަށް ޤަބޫލު ކުރެވެ އެވެ.

އިންސާނާގެ ސިކުނޑިއަކީ އަދިއަދަށް ވެސް އޭގެ ތަފްޞީލްތައް އަޅުގަޑުމެންނަށް ނޭނގޭ އަޖާއިބެކެވެ. ނަމަވެސް މިހާރުގެ ތަޙުލީލުތަކާއި ދިރާސާތަކުން އެކި މީހުން ވިސްނާ ގޮތާއި، ސިކުނޑި މަސައްކަތްކުރާ ގޮތް ތަފާތު ކަން ޤަބޫލު ކުރެވެ އެވެ. ތަފާތު ޚިދުމަތްދޭ ފަރާތްތަކުންނާއި، ތަރުބިއްޔަތާއި ތަމްރީންދޭ ފަރާތްތަކުން އެތަފާތުތަކަށް ސަމާލުވާން ޖެހެ އެވެ. ދަރިންނާ މުއާމަލާތުކުރާ އިރު މައިންބަފައިން ވެސް މިކަމާ ދޭތެރޭ ވިސްނާން ޖެހެ އެވެ. ކިޔަވައިދޭ މުދައްރިސު ންވެސް މި ތަފާތުތަކަށް ވިސްނައިގެން ފިލާވަޅު ރާވާން ޖެހެ އެވެ.

ނޯޓް: މިއީ ޑރ. ޢަބްދުލް މުޙްސިން މުޙައްމަދުގެ ލިޔުއްވުމެކެވެ.