އީދަށް ހާއްސަކޮށްގެން ދިވެހިވަންތަ ވީޑިއޯ ލަވަތައް ގެނެސްދިނުމަކީ މިހާރު އާންމުވަމުން އަންނަ ކަމެކެވެ. މި ބޮޑު އީދާ ދިމާކޮށް އެކަތަ ބޮޑުބެރު ގްރޫޕުން ވަނީ "އީދު ގޮމާ" ގެ ނަމުގައި ހިތްގައިމު ވީޑިއޯ ލަވައެއް ވެސް ގެނެސްދީފަ އެވެ.
މިއޮތީ ވެސް ހަމަ އީދަށް ހާއްސަ ލަވައެކެވެ. މި ލަވައިގެ ނަމަކީ "އީދު ބޯމަތިވަނީ" އެވެ. ރ. އަލިފުށީގައި މަންޒަރުތައް ނަގާފައިވާ މި ލަވަ އަކީ ނ. މަނަދޫގެ ހިޔަލަ ގްރޫޕުން ގެނެސްދިން ލަވައެކެވެ. ލަވައިގެ ވީޑިއޯ ގެނެސްދީފައި އޮތީ ދިވެހިންގެ މާޒީގެ ހަނދާންތަކެއް އާކޮށްދޭ ކުލަވަރުތަކާއި ފާޑުވެރިކަމާ އެކީގަ އެވެ.
މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ ކިޔާފައިވާ މި ލަވައިން ގިނަ ބަޔަކު ފެނިގެންދާ އިރު "އީދު ބޯމަތިވަނީ" ގެ އަސްލު ތަރިންނަކީ ފިލްމީ ތަރިން ކަމަށްވާ މަރިޔަމް ޝިފާ އާއި މުހައްމަދު އިޝްފާނެވެ.
މި ލަވަ އަކީ އެރާ ރެކޯޑްސް އިން މިއުޒިކް ހަދައި އަބްދުﷲ ޝާހިދު (ޓެޑީ) ގެ ޅެމަށް ހެޔޮވަރުކޮށްފައި އޮތް ލަވައެކެވެ.
ކަމުދޭތޯ ބަލާލަން ކިހިނެއް ވާނެ ހެއްޔެވެ؟