ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލެއްވި ތިން ބޭފުޅުންނާ ޕޮލިސް ބޯޑުން ރޭ އިންޓަވިއުކޮށްފި އެވެ.
އިންޓަވިއު ނިންމައި ހޯމް މިނިސްޓަރު އަލީ އިހްސާނަށް ފޮނުވާފައި އިރު، އަންނަ ހޯމަ ދުވަހުގެ ކުރިން މަގާމަށް ބޭފުޅަކި އައްޔަން ކުރާނެ ކަމަށް ބެލެވެ އެވެ.
ފުލުހުންގެ ގާނޫނު ބުނާ ގޮތުން ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވާތާ 45 ދުވަހުގެ ތެރޭގައި ބޭފުޅަކު އެމަގާމަށް އައްޔަންކުރަން ޖެހެ އެވެ. އެ މުއްދަތު އަންނަ ހޯމަ ދުވަހަށް ހަމަވާނެ އެވެ.
ސީޕީގެ މަގާމަށް ކުރިމަތިލެއްވީ މިހާރު ވަގުތީ ގޮތުން ފުލުހުންގެ އިދާރާ ހިންގެވުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ ކޮމިޝަނަރު އިސްމާއިލް ނަވީނާއި ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީގެ އިތުރުން ސައުތު ޕޮލިސް ކޮމާންޑަރު، އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ޝަމީމެވެ.
ސީޕީގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަލީ ޝުޖާއު މިދިޔަ އޭޕްރީލް 26 ގައި އިސްތިއުފާ ދެއްވުމުންނެވެ.