Last Updated: March 28, 14:17
Thursday, March 28, 2024

ކަރަންޓު ކަނޑަން އުޅޭ ކަމެއް، އަދި ނޯޓިސް ފޮނުވިކަމެއް ވެސް ފެނަކަ އަށް "ނޭނގޭ" !

އައްޑޫ ސިޓީގައި ހުންނަ ފެނަކަ ކޯޕަރޭޝަނުގެ ރީޖަނަލް އޮފީސް. އައްޑޫލައިވް ފޮޓޯ: ހުސައިން ޒަހީން

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑަން ހަމަޖެހިފައިވާ ގަޑިތައް އަންގައި ގޭގެއަށް ނޯޓިސްތަކެއް ފޮނުވާފައި ވާކަން "ނޭނގޭ" ކަމަށް ފެނަކަ ކޯޕަރޭޝަނުން ހިންގާ އައްޑޫގެ މަރުކަޒީ އިންޖީނުގެ އިން ބުނެފިއެވެ.

'އައްޑޫލައިވް'ގެ ފަރާތުން ކަރަންޓު ކަނޑަން ހަމަޖެހިފައިވާ ގަޑިތައް އޮޅުން ފިލުވުމަށް ގުޅާލުމުން ފެނަކަ ކޯޕަރޭޝަނުގެ ޑިއުޓީގައި ހުރި މުވައްޒަފު ބުނެފައި ވަނީ " ކަރަންޓު ކަނޑަން ހަމަޖެހިފައިވާ ކަމެއް ނޭނގޭ ކަމަށާއި އަދި ނޯޓިސްތަކެއް ފޮނުވި ކަމެއް ވެސް ނޭނގޭ " ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހިތަދޫގެ ބައެއް ސަރަހައްދުތަކަށް އިއްޔެ ވަނީ ނޯޓިސް ބަހާފައެވެ. އެ ނޯޓިސްގައި ބުނާގޮތުން އެކި ސަރަހައްދުތަކުން ވަކި ވަގުތު ތަކެއްގައި 1 ގަޑިއިރަށް ކަރަންޓު ކެނޑޭނެއެވެ.

ކަރަންޓް ކަނޑާނެކަމުގެ އެންގުމެއް ފެނަކައިން އިއްޔެ ފޮނުވާފައިވާއިރު، ފާއިތުވި 2 ދުވަހު، ކުރިން އެންގުމަކާ ނުލާ އައްޑޫ ސިޓީގެ އެކި އަވަށްތަކުން 1 ގަޑިއިރަށް ކަރަންޓް ކަނޑާލާފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި އެގޮތަށް ކަރަންޓު ކަނޑާލުމާއި ގުޅިގެން އިލެކްޓްރޯނިކް ސާމާނުތަކަށް މައްސަލަތައް ކުރިމަތިވަމުންދާތީ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިކަމާއި ގުޅޭގޮތުން ފެނަކަ އައްޑޫ އޮފީހުގެ އިސްވެރިއެއްގެ ބަހެއް ހޯދާލުމަށް ކުރި މަސައްކަތް އަދި ވަނީ ކާމިޔާބު ވާގޮތް ނުވެފައެވެ.