Last Updated: June 8, 10:11
Sunday, June 8, 2025
ކުޅިވަރު

ޓޮޓެންހަމްގެ ކޯޗު ކަމުން ޕޮސްޓެކޮގްލޫ ވަކިކޮށްފި

ޓޮޓެންހަމްގެ ކޯޗު ކަމުން އޮސްޓްރޭލިއާގެ އަންޖް ޕޮސްޓެކޮގްލޫ ވަކިކޮށްފި އެވެ.

ޕޮސްޓެކޮގްލޫ މަގާމުން ވަކިކޮށްފައިވާއިރު، މެންޗެސްޓާ ޔުނައިޓެޑް 1-0 އިން ބަލިކޮށް ޔޫރޮޕާ ލީގުގެ ތަށި ޓޮޓެންހަމަށް އޭނާ ވަނީ މިދިޔަ ސީޒަނުގައި ކާމިޔާބުކޮށްދީފަ އެވެ. މިއީ 17 އަހަރުތެރޭ ޓޮޓެންހަމަށް ލިބުނު ފުރަތަމަ ތަށްޓެވެ.

ޔޫރޮޕާ ލީގު ހޯދި ނަމަވެސް މިދިޔަ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމުން ނެރުނީ ދަށް ނަތީޖާތަކެކެވެ. އެގޮތުން އެޓީމު ލީގު ނިންމާލީ 17 ވަނައިގައި އޮވެ ކަމަށްވާއިރު، ލީގުގައި ކުޅުނު 38 މެޗުގެ ތެރެއިން 22 މެޗުން ޓޮޓެންހަމް ވަނީ ބަލިވެފަ އެވެ.

ޓޮޓެންހަމުން ބުނީ ޕޮސްޓެކޮގްލޫ މަގާމުން ވަކިކުރަން ނިންމީ މުޅި ސީޒަނުގައި ޓީމުން ނެރުނު ނަތީޖާތަކަށް ބެލުމަށްފަހު ކަމަށެވެ. މިއީ ފަސޭހަ ނިންމުމެއް ނޫން ކަމަށާއި ނަމަވެސް މި ނިންމުން ނިންމީ އާ ކޯޗަކާއެކު ޓޮޓެންހަމަށް ކުރިއަށް އޮތް ސީޒަނުގައި ކާމިޔާބީތައް ހޯދުމުގެ ފުރުސަތު ބޮޑު ކަމަށް ފެންނާތީ ކަމަށްވެސް ޓޮޓެންހަމުން ބުންޏެވެ.

އޮސްޓްރޭލިއާގެ ގައުމީ ޓީމަށްވެސް ކޯޗުކޮށްދިން ޕޮސްޓެކޮގްލޫ ޓޮޓެންހަމްގެ ކޯޗުކަމާ ހަވާލުވީ 2023 ވަނަ އަހަރު އެވެ. އޭގެ ކުރިން އޭނާ ހުރީ ސްކޮޓްލެންޑްގެ ސެލްޓިކްގެ ކޯޗުކަމުގެ މަގާމުގަ އެވެ.