Last Updated: June 8, 09:53
Sunday, June 8, 2025
ޚަބަރު

އަމާޒަކީ ޓޫރިޒަމްގެ އާމްދަނީ 6 ބިލިއަނަށް އެރުވުން

މިނިސްޓާ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ތޯރިޤް އިބްރާހީމް

ސަރުކާރުގެ އަމާޒަކީ 2027 ވަނަ އަހަރާ ހަމައަށް ޓޫރިޒަމް ދާއިރާއިން ލިބޭ އާމްދަނީ ހަ ބިލިއަން ޑޮލަރަށް އެރުވުން ކަމަށް މިނިސްޓާ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ތޯރިޤް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަދައްކަމުން ތޯރިގު ވިދާޅުވީ މި އަމާޒަށް ވާސިލުވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި އެގޮތުން 2023 ވަނަ އަހަރު ނިމުނުއިރު 4.2 ބިލިއަން ޑޮލަރު ފަތުރުވެރިކަމުން އާމްދަނީ ލިބިފައިވާއިރު، މަސައްކަތްކޮށްފި ނަމަ ހަ ބިލިއަން ޑޮލަރު 2027ގެ ނިޔަލަށް ހޯދޭނެ ކަމަށެވެ.

އެ އަމާޒަށް ވާސިލުވުމަށް ކުރެވޭ އެންމެ ބޮޑު މަސައްކަތަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލް މިއަހަރު ތެރޭ ހުޅުވުން ކަމަށްވެސް ތޯރިގު ވިދާޅުވި އެވެ. އެގޮތުން ޓޫރިޒަމް ފުޅާކުރެވެން އަންނަ އެއްކަމަކީ ރާއްޖޭގެ މައި ދޮރާށި ނުވަތަ އެއާޕޯޓަށް އަންނަ ފަތުރުވެރިން އިތުރުކޮށްގެން އަދި އެއާޕޯޓަށް ޖައްސާ މަތިންދާބޯޓު އިތުރުކޮށްގެން ކަމަށްވެސް ވިދާޅުވި އެވެ.

ރާއްޖޭގެ ވައިގެ މަގާއި ކަނޑުދަތުރުފަތުރުގެ ނިޒާމުވެސް ހަރުދަނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވަމުން ތޯރިގު ވަނީ މި މަސައްކަތްތަކާއެކު، ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ ހަ ބިލިއަން ޑޮލަރަށް އެރުވުމަށް ކުރާ މަސައްކަތަށް ވެސް މަގު ހުޅުވޭނެ ކަމަށް ވިދާޅުވެފަ އެވެ.

"ރާއްޖޭގެ އިގްތިސާދު ވެސް ކުރިއަރައިގެން ދާނެ. މިއަދު އަޅުގަނޑުމެން ވަރަށް ބޮޑަށް ބޭރު ފައިސާ އެބަ ބޭނުންވޭ ތަރައްގީގެ ދުވެލި ބާރުކުރުމަށް،" ތޯރިގު ވިދާޅުވި އެވެ.

މީގެއިތުރުން ތިމާވެށި ރައްކާތެރިކުރުމަކީ ދިވެހި ކޮންމެ ރައްޔިތެއްގެ ވެސް ޒިންމާއެއް ކަމަށް ފާހަގަކުރައްވައި، ތަރައްގީގެ މަޝްރޫއުތައް ވެސް ގުދުރަތީ މުއްސަނދިކަން ނުގެއްލޭނެ ފަދަ ގޮތަކަށް ބައްޓަންކުރަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.