Last Updated: June 9, 09:30
Monday, June 9, 2025
މުނިފޫހިފިލުވުން

ފަރާ ރާއްޖެ އައިސް ކަރުފެހި ލިބާހުގައި!

އެމްއެމްޕީއާރްސީގެ ދައުތަކަށް ބޮލީވުޑްގެ މަޝްހޫރު ކޮރިއޮގްރާފަރު/ޑައިރެކްޓަރު ފަރާ ޚާން ރާއްޖެ އަތުވެއްޖެ އެވެ.

މިއީ މިހާރު ފާހަގަ ކުރަމުން އަންނަ އަޟްހާ އީދު ހަރާތްތައް ފަރާ އަށް ދައްކާލައި އޭނަ މެދުވެރިކޮށް ކޮންޓެންޓްތަކާ އެކު ރާއްޖެ ޕްރޮމޯޓް ކުރުމަށްޓަކައި ދިން ދައުވަތެކެވެ. އެގޮތުން އެމްއެމްޕީއާރްސީގެ ޓީމާ އެކު ރާއްޖޭގެ ބައެއް ހިސާބުތަކުން ފަރާ ކޮންޓެންޓްތައް ހަދައިގެން ގެނެސްދޭނެ އެވެ.

ފާހަގަކޮށްލެވޭ ކަމަކީ އޭނަ މި ދައުވަތަށް ރާއްޖެ އަައީ އަމިއްލަ ކައްކާ، ދިލިޕް ވެސް ގޮވައިގެން ކަމެވެ. ދިލިޕާ އެކީ ފަރާގެ ޔޫޓިއުބްގައި މިހާތަނަށް ކެއްކުމާ ގުޅޭ ވަރަށް ގިނަ ވީޑިއޯތައް ގެނެސްދީފައިވެ އެވެ. އެގޮތުން މަޝްހޫރު އެކިއެކި ސެލެބްރިޓީންގެ ގަތަކަށް ދިލިޕް ގޮވައިގެން ގޮސް ތަފާތު ކާ އެއްޗެހި ތައްޔާރުކޮށް ގެނެސްދޭ ވީޑިއޯތަކާ އެކު ދިލިޕަށް ވެސް ވަރަށް ބޮޑު މަޝްހޫރު ކަމެއް ލިބިފައިވެ އެވެ.

ރާއްޖެ އަށް ފުރުމުގެ ކުރުން މުމްބާއީ އެއާޕޯޓްގައި ރިޕޯޓަރުން ގާތު ފަރާ ބުނެފައި ވަނީ މި ދަތުރަކީ ދިލިޕް، ގައުމުން ބޭރަށް ކުރާ ފުރަތަމަ ދަތުރު ކަމަށެވެ. އެހެންވެ ދަތުރު ވަރަށް ހާއްސަ ކަމަށް ބުނެފައިވެ އެވެ. ފާހަގަކޮށްލެވޭ ކަމަކީ ފަރާ އަކީ ދިލިޕާ އެކު ވަރަށް ސަކަ، ސަމާސާ ގުޅުމެއް ބާއްވާ މީހެއްކަމެވެ.

ރާއްޖެ ޕްރޮމޯޓްކުރަން ފަރާ ގެނައި އިރު، އޭނަ މީގެ ކުރިން އާއިލާއާ އެކު އެތައް ފަހަރެއްގެ މަތިން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވެ އެވެ. ފަރާ އަކީ އެއްމާބަނޑު ތިން ކުދިންގެ މައެެކެވެ. އޭނަގެ ފިރިމީހާ އަކީ "ޖާނޭމަން" އާއި "ޖޯކަރް" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު/އެޑިޓަރު ޝްރިޝް ކުންދަރެވެ.

ފިލްމުތަކަށް ލަވަތަކުގެ ނެށުން ތައްޔާރުކޮށް ދީގެން މަޝްހޫރުވި ފަރާ ޑައިރެކްޝަނަށް ނުކުތީ ޝާހްރުކް ޚާންގެ 2004 ގެ "މޭ ހޫ ނާ" އިންނެވެ. އޭގެ ފަހުން އޭނަ ޑައިރެކްޓަރު ފިލްމުތަކުގެ ތެރޭގައި "އޯމް ޝާންތީ އޯމް"، "ތީސް މާރު ޚާން" އަދި "ހެޕީ ނިއު އިޔާ" ހިމެނެ އެވެ.

ނެޝަނަލް އެވޯޑް ވެސް ހާސިލުކޮށްފައިވާ ފަރާ އަކީ ބޮލީވުޑްގެ އެންމެ ނުފޫޒު ގަދަ އަންހެނުންގެ ތެރެއިިން އެކެކެވެ. އޭނަ މިހާތަނަށް ވަރަށް ޑާންސް ޝޯތަކުގެ ޖަޖްކަން ވެސް ކޮށްފައިވެ އެވެ.

އިންޑިއާގެ މީހުންގެ މެދުގައި ރާއްޖެ ޕްރޮމޯޓް ކުރަން އެމްއެމްޕީއާރްސީން މިހާރު ވަރަށް ބޮޑު އިސްކަމެއް ދެ އެވެ. މިހާރު ރާއްޖެ އަށް ހަ ވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމަކީ އެއީ އެވެ. އިންޑިއާ އަކީ 2023 ގައި ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އައި ގައުމެވެ.

އެ ގައުމުގެ ފިލްމީ ތަރިން މިހާރު ވަރަށް ގިނައިން ރާއްޖެ އާދެ އެވެ.