Last Updated: June 8, 18:16
Monday, June 9, 2025
ޚަބަރު

މިހާރު އީދު ފާހަގަކުރާ ގޮތަށް މުއިއްޒުގެ ނުރުހުން!

ފަހަކަށް އައިސް ދިވެހިން އީދުތައް ފާހަގަކުރާ މެދު ކުރީގެ ޖަސްޓިސް މިނިސްޓަރު މުހައްމަދު މުއިއްޒު އަދުނާން ކަންބޮޑުވުމާއި ނުރުހުން ފާޅު ކުރައްފައިފި އެވެ.

އަޟްހާ އީދު އިއްޔެ ފާހަގަކުރި އިރު، ރަށެއްގައި ބޭއްވި މާލި ޕެރޭޑެއްގެ ފޮޓޯތަކަކާ އެކު އޭނަ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ އެފަދަ މަންޒަރުތަކުން ސިފަކޮށް ދެނީ ޝައިތާނީވަންތަ މަންޒަރުތައް ކަމަށެވެ.

"މިފަދަ ޢީދު ފާހަގަކުރަނީޔޯ. އަޅުގަނޑުގެ ކަޓުމުއްލާކަމުން މިފަދަ މަންޒަރުތަކުން ހިތަށް ވަންނަނީ ޝައިޠާނީވަންތަ މަންޒަރު،" މުއިއްޒު ވިދާޅުވި އެވެ. "މިފަދަ ކަންކަމާ އިސްލާމީ ޢީދާއި ދިވެހި ޘަޤާފަތާ ހުރީ ކޮން ގުޅުމެއްތޯ؟ ބޮޑު ވަރިހަމައިގައި ހަމަ ތިބެންވީތޯ؟"

އޭނަގެ އިތުރު ޕޯސްޓެއްގައި އީދުހުޅު ޖަހާ ގޮތާ މެދު ވެސް ކަންބޮޑުވުން ފާޅުކުރައްވާފައިވެ އެވެ.

އެ ޕޯސްޓްގައި މުއިއްޒު ވިދާޅުވީ "ޢީދުހުޅުގެ" ފޯރި މި ފަހަކަށް އައިސް އިތުރުވަމުން އަންނަ އިރު، މިކަމަކީ ވަރަށް ކުރިންސުރެ
ފެށިގެން، މުޅިން އެހެން މަގުޞަދެއްގައި ދިވެހިން ކުރަމުން އައި ކަމެއް ކަމަށެވެ. އަދި އެއީ ޢީދުގެ އުފަލެއްގައި ކުރާ ކަމެއް ނޫން ކަމަށާއި އެއީ އެހެން ޒަރޫރީ ބޭނުމެއްގައި ކުރަމުން އައި ކަމެއް ކަަށް ވިދާޅުވި އެވެ.

"އެ ޒަމާނުގައި ޝަޢުބާން މަހާއި ރަމަޞާން މަހުގެ 29 ދުވަހުގެރޭ ހަނދުފެނިއްޖެ ނަމަ އެކަން ޖެހިގެން ހުރި ރަށްރަށަށް އެންގުމުގެ ގޮތުން، މުވާޞަލާތީ ސިގްނަލެއްގެ ގޮތުގައި. ވަރަށް ދުރަަށް ފެންނާނެހެން މާސިންގާ ހުޅުގަނޑެއް ރޯކުރޭ،" މުއިއްޒު ވިދާޅުޅުވި އެވެ. "އެހެންރަށަކަށް ހުޅުގަނޑު ފެނިއްޖެ ނަމަ އެ ރަށުގައި ވެސް އެކަން ކުރޭ. ޝަޢުބާން މަހާއި ރަމަޞާން މަހުގެ 29 ދުވަހުގެ ރޭ އެހެން އެއްވެސް ހުޅެއް ރޯކުރުމަކީ އޭރު މަނާ ކަމެއް."

މުއިއްޒު ވިދާޅުވީ މުޅި ރާއްޖޭގައި ވޯކީޓޯކީ އާއި ރޭޑިއޯ އާއި ޓެލެފޯނުގެ ޚިދުމަތް ޤާއިމުކުރި ފަހުން އެކަން ހުއްޓުނީ ކަމަށެވެ

"އަޅުގަނޑުމެން ހަދާން ހުންނަން ފެށިއިރު ޢީދުގެ އުފަލެއްގެ ގޮތުގައި ހުޅުރޯކުރުން އެއީ ޢާއްމުކޮށް ކުރާކަމެއް ނޫން. ބައެއް ރަށްރަށުގައި ކޮށްފައިވެދާނެ.،" އޭނަ ވިދާޅުވި އެވެ. "މިހާރު މިކަން ކުރާގޮތުން ބޮޑަށް ދޭހަވަނީ، އެހެން ދީންދީނުގެ ޢީދުތަށް ފާހަގަކުރަން އަޅުކަމެއްގެ ގޮތުން އެ މީހުން، އެތައް ހާސް އަހަރެެއް ވަންދެން ކުރަމުން އަންނަ ހުޅު ރޯކުރުމާ."

ރާއްޖޭގައި މިހާރު އީދު ފާހަގަކުރާ އިރު އިޖުތިމާއީ އާންމު މިންގަނޑަށް ނުފެތޭ ގޮތަށް ހެދުން އަޅައިގެންނާއި ސިފަ ހުތުރުކޮށްގެން މާލި ޕެރޭޑް ބޭއްވުމާއީ އީދުގައި ކުލަ ޖެހުމާއި މިއުޒިކް ޝޯތަކާއި އެ ނޫން ވެސް ކުޅިވަރުތައް ދެ ޖިންސް މަސްހުނިވެގެން ބާއްވަމުންދާތީ ވަރަށް ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

އެހެންވެ އިސްލާމް ދީނާއި ދިވެހިންގެ ސަގާފަތާ ނުގުޅޭ ގޮތަށް އިސްލާމް ދީނުގެ ހާއްސަ ދުވަސްތަކެއް ފާހަގަކުރާތީ ރާއްޖޭގެ ވަރަށް ގިނަ ދީނީ އިލްމުވެރިން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

އިއްޔެ އިން ފެށިގެން މުޅި ރާއްޖޭގައި ބޮޑު އީދުގެ ހަރަކާތްތައް ކުރިއަށްދާ އިރު، ދީނާއި ސަގާފަތާ ނުގުޅޭ އެތައް ހަރަކާތެއް މި ފަހަރު ވެސް ފެނުފައިވާ ކަމަށް ބުނެ އެކި މީސްހުން އަންނަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.