ޑައިރެކްޓަރު އެޓްލީއާ އެކު، މަޝްހޫރު ތެލެގޫ އެކްޓަރު، އައްލޫ އަރުޖުން މަސައްކަތްކުރާ ފުރަތަމަ ފިލްމުގެ ބަތަލާއަކަށް ދީޕިކާ ޕަދްކޯން ނަގައި، އެކަން މިއަދު ރަސްމީކޮށް އިއުލާންކޮށްފި އެވެ.
މިކަން މިއަދު ވަނީ އަދި ނަން އިއުލާން ނުުކުރާ ފިލްމު އުފައްދާ ކުންފުނި، ސަން ޕިކްޗާސް އިން ސޯޝަލް މީޑިއާގައި ވީޑީއޯއަކުން ހިއްސާކޮށްފަ އެވެ. އޭގައި އެޓްލީ އާއި ދީޕިކާ ފެނިގެންދާ އިރު، ފިލްމަށް ވަމުން އަންނަ ތައްޔާރީތަކުގެ މަންޒަރުތަކެއް ވެސް ހިމަނާފައިވެ އެވެ.
އައްލޫގެ ފިލްމުގެ ބަތަލާއަކަށް ދީޕިކާ ނެގިކަން އިއުލާންކުރި އިރު، މީގެ ބަތަލާގެ ރޯލު ޕްރިޔަންކާ ޗޯޕްޅާ އަށް ހުށަހެޅިކަމުގެ އަޑުތަކެއް ވެސް ދާދި ފަހުން އެރި އެވެ.
މި ފިލްމު ވާނީ އެޓްލީއާ އެކު ދީޕިކާ މަސައްކަތް ކުރާ ދެވަނަ ފިލްމަށެވެ. އޭނަ 2023 ގައި ޝާހްރުކް ޚާނާ އެކު ގެނެސްދިން "ޖަވާން" ގެ މުހިއްމު ރޯލެއް ދީޕިކާ ކުޅެފައިވެ އެވެ.
ބެލުންތެރިންގެ ބޮޑު މަގުބޫލު ކަމެއް ހޯދި ފިލްމު "ޕުޝްޕާ" ގެ ބަތަލު އައްލޫ އާއި ދީޕިކާއާ އެކު އެޓްލީ ހަދަން ނިންމާފައިވާ ވަރުގަދަ ބޮޑު ބަޖެޓް ސައިންސް ފިކްޝަން ފިލްމުގެ ޝޫޓިން ފަށަން ހަމަޖެހިފައި ވަނީ މި އަހަރުގެ ފަހުކޮޅު އެވެ.
މި ފިލްމަކީ މިދިޔަ އަހަރު އަލަތު ދަރިފުޅު ވިހޭ ފަހުން ދީޕިކާ ސޮއިކުރިކަން ރަސްމީކޮށް އިއުލާންކުރި ފުރަތަމަ ފިލްމެވެ. ރިޕޯޓްތައް ބުނާ ގޮތުން ޝާހްރުކްގެ ޚާންގެ އާ ފިލްމު "ކިންގް" ގެ ކާސްޓްގައި ވެސް އެކްޓަރު ރަންވީރު ސިންގްގެ އަންހެނުން ހިމެނެ އެވެ.
މަޝްހޫރު ތެލެގޫ އެކްޓަރު ޕްރަބާސްއާ ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާ ހަދަން ތައްޔާރުވަމުން އަންނަ "ސްޕިރިޓް" ގެ ބަތަލާގެ ރޯލު ދީޕިކާ އަށް ހުށަހެޅުމުން، އޭނަ ކުރިމަތިކުރި ޝަރުތުތަކަކާ ގުޅިގެން ދެ ފަރާތަށް އެއްބަސްވުމަކަށް ނާދެވުމުން ދީޕިކާ ވަނީ އެ ފިލްމު ދޫކޮށްލައިފަ އެވެ.
މިހާތަނަށް ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ބަތަލާ މިދިޔަ އަހަރު ތިން ފިލްމަކުން ފެނިފައިވެ އެވެ. އެއީ "ސިންގަމް އެގެއިން" އާއި "ކަލްކީ: 2898 އޭޑީ" ގެ އިތުރުން "ފައިޓާ" އެވެ.