ކާބޯތަކެތީގެ ރައްކާތެރިކަން ވަރަށް މުހިއްމު ކަމަށާއި އެކަން ކަށަވަރުކޮށް ދޭން ސަރުކާރުން ވަރަށް ބޮޑު ސަމާލުކަމެއް ދޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.
މިއަދު ފާހަގަކުރާ "ވޯލްޑް ފުޑް ސޭފްޓީ ޑޭ" އާ ގުޅުވައިގެން އެ މަނިކުފާނު އާންމުކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ކާބޯތަކެތީގެ ރައްކާތެރި ކަމަކީ އާންމު ސިއްހަތާއި އިގުތިސާދާ ވެސް ގުޅިފައި އޮތް ކަމަށެވެ. ރައީސް ފާހަގަކުރެއްވި ކާބޯތަކެތީެ ރައްކާތެރި ކަމަކީ ކޮންމެ ދުވަހަކާ ވެސް ގުޅިފައި އޮތް ކަމެއް ކަމަށެވެ.
"ވޯލްޑް ފުޑް ސޭފްޓީ ޑޭ" ގެ މި އަހަރުގެ ޝިއާރަކީ 'ފުޑް ސޭފްޓީ: ސައިންސް އިން އެކްޝަން" ކަން ފާހަގަ ކުރައްވައި އެ މަނިކުފާނު ވިދާޅުވީ މި ޝިއާރުން އަލިއަޅުވާލަނީ ކާބޯތަކެތިން ޖެހޭ ބަލިތައް ދެނެގަތުމާއި ހުއްޓުވުމުގައި ސައިންޓިފިކް ދިރާސާތަކާއި ހެކިތަކުގެ މައްޗަށް ބިނާކޮށްފައިވާ އުސޫލުތަކުގެ މުހިންމުކަމުގެ މައްޗަށް ކަމަށެވެ.
އެހެންވެ ރާއްޖޭގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށް އިތުބާރު ދެމެހެއްޓުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ރައީސް މިދިޔަ އަހަރު ވަނީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލު ތަސްދީގު ވެސް ކުރައްވައިފަ އެވެ.
ރާއްޖެ އަކީ ކާބޯތަކެއްޗަށް ބަލާ އިރު އިމްޕޯޓަށް ބަރޯސާވެފައި އޮތް ގައުމެކެވެ.