Last Updated: June 10, 10:45
Tuesday, June 10, 2025
ޚަބަރު

ފުނަދޫ އެއާޕޯޓު އަލުން އޮޕަރޭޝަނަށް

ފުނަދޫ އެއާޕޯޓްގެ އޮޕަރޭޝަން އަލުން ފަށައިފި އެވެ.

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނި (އާރުއޭސީއެލް)އިން ބުނީ ފުނަދޫ އެއާޕޯޓުގެ ފަޔާ ލޮރީއަށް ދިމާވި މައްސަލައަކާ ގުޅިގެން އެއާޕޯޓަށް ކުރަމުންގެންދިޔަ މޯލްޑިވިއަންގެ ދަތުރުތައް މެދުކަނޑާލި ނަމަވެސް އެ މައްސަލަ ހައްލުކޮށް މިހާރު އޮޕަރޭޝަނަށް ގެނެސްފައިވާ ކަމަށެވެ.

ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު މުބީން ވިދާޅުވީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަންޖެހޭ ހުރިހާކަމަށް އެކުންފުނިން އަބަދުވެސް ކުރާނެ ކަމަށެވެ. އަދި ރީޖަނަލް އެއާޕޯޓްސް އިން ބަލަހައްޓަމުންދާ އެއަޕޯޓްތަކުގައި ހުރީ ދުވަސްވެ ބާވެފައި ހުރި ފަޔާ ޓްރަކްތަކެއް ކަމަށާއި އެހެންނަމަވެސް އެމްއޭސީއެލްއާއި ކަމާގުޅުން ހުރި އިދާރާތަކާ ގުޅިގެން ފަޔާ ޓްރަކްތަކެއް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް މުބީން ވިދާޅުވި އެވެ.

މިފަދަ މައްސަލަތައް ދިމާވުމަށް މެދުވެރިވާ ސަބަބަކީ ކަމާބެހޭ ފަރާތްތަކުން އެއަޕޯޓްތަކަށް އަޅާނުލައި ފަރުވާ ކުޑަކުރުުގެ ނަތީޖާ ކަމަށާއި އެތައް އަހަރެއް ވީއިރުވެސް އެއާޕޯޓްތަކުގައި ހުރި ބައު ޓްރަކްތައް ހުރީ އާނުކޮށް ކަމަށް މުބީން ވިދާޅުވި އެވެ. އަދި މިފަދަ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި މަސައްކަތް ކުރާނެކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ވެސް ޓެކްނިކަލް މައްސަލަތަކަކާ ގުޅިގެން ފުނަދޫ އެއާޕޯޓްގެ އޮޕަރޭޝަންތައް ވަގުތީ ގޮތުން މެދުކަނޑާލަން ޖެހިފައިވެ އެވެ.

ފުނަދޫ އެއާޕޯޓް ހުޅުވީ 2020 ގަ އެވެ.