Last Updated: June 10, 11:38
Tuesday, June 10, 2025
ދުނިޔެ

ސެމްސަންގުން ވެސް "ތިން ފަށްކޮށްލެވޭ" ފޯނެއް!

ފޯލްޑަބަލް ނުވަތަ ފަށްޖެހޭ ފޯނަކީ މިހާރު އާ އެއްޗެއް ނޫނެވެ. ސްމާޓްފޯނަށް އައި ބޮޑެތި ބަދަލުތަކާ އެކު، ޗައިނާގެ ވާވޭ އިން ވަނީ "ޓްރި-ފޯލްޑް" ނުވަތަ ތިން ފަށްކޮށްލެވޭ ފޯނެއް ވެސް ނެރެފަ އެވެ.

މި ރޭހަށް މިހާރު މި ނިކުންނަނީ ސްމާޓް ފޯނު އުފެއްދުމުގައި އެންމެ މަޝްހޫރު ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ދެކުނު ކޮރެއާ ސެމްސަންގެވެ. ޓެކް ޚަބަރުތައް ގެނެސްދޭ މީޑިއަތަކުން ރިޕޯޓްކޮށްފައިވާ މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި އެ ކުންފުނީގެ "ތިން ފަށްކޮށްލެވޭ" ފޯނު ލޯންޗް ކުރާނެ އެވެ.

މިއަށް ދީފައިވާ ނަމަކީ "ގެލެކްސީ ޖީ" ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

ނަމަވެސް މި ޑިވައިސްއާ ގުޅޭ އެއްވެސް މައުލޫމާތެއް ސެމްސަންގުން މިހާތަނަށް ރަސްމީކޮށް ހިއްސާކޮށްފައި ނުވާތީ ފޯނުގެ ސްޕެސިފިކޭޝަންތަކާ ބެހޭ އެއްވެސް މައުލޫމާތެއް އަދި ނެތެވެ. ނަމަވެސް ސެމްސަންގުގެ "ތިން ފަށްކޮށްލެވޭ" ފޯނު ވާނީ ގެންގުޅެން ފަސޭހަ، ބޭނުން ކުރަން ވެސް ފަސޭހަ ޑިވައިސްއަކަށް ކަމަށް މިފަދަ ޑިވައިސްތައް ދިރާސާކުރާ ފަރާތްތަކުން ބުންޏެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި "ގެލެކްސީ ޖީ" ވިއްކާނެ ކަމަށް ބެލެވެނީ 3،000-3،500 ޑޮލަރާ ދެމެދުގެ އަގުތަކެއްގަ އެވެ.