"އުފާވެރިކަމާއި ހިތްހަމަޖެހުން" މިއީ ކޮންމެ އިންސާނެއްގެ ވެސް ދިރިއުޅުމުގެ މަޤްޞަދެވެ. އޭނާގެ މުޅި ޙަޔާތް ވޭތުކުރަނީ މި ލަނޑުދަނޑި ޙާޞިލް ކުރުމަށެވެ.
ކޮންމެ އިލެކްޓްރޯނިކް ޑިވައިސްއެއްގެ ފޮށީގެ ތެރޭގައި ކަރުދާސް ކޮޅެއް އޮވޭ ނޫންތޯ އެވެ؟ އޭގައި އެ ބޭނުން ކުރަންވީ ގޮތް ބަޔާންކޮށްފައިވޭ ނޫންތޯ އެވެ؟ އެ ޑިވައިސް އޭގެ އެންމެ ފުރިހަމައަށް ހަލާކުނުވާ ގޮތަށް ބޭނުން ކުރެވޭނީ އެ އުފެއްދި ފަރާތުން އަންގާ ގޮތެއްގެ މަތިން އެ ބޭނުން ކުރުމުންނެވެ. އެއީ ޑިވައިސްގެ ކަންކަން އެންމެ ފުރިހަމައަށް އެނގޭނީ އެ ފަރާތަށް ކަމަށްވާތީ އެވެ.
ހަމަ މި ބީދައިން އަޅުގަނޑުމެން އިންސާނުން އުފެއްދެވި ފަރާތުން އަޅުގަނޑުމެނަށް ”އިންސްޓްރަކްޝަން މެނުއަލް“ އެއް ވަނީ ދެއްވައިފަ އެވެ. މި ”މެނުއަލް“ އަކީ އެފަދަ ދެވަނައެއް ގެނައުމަށް އެންމެހާ އިންސާނުން ނުކުޅެދިފައިވާ އެއްޗެކެވެ.
މި ”މެނުއަލް“ ގައި އަޅުގަނޑުމެނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ލިބޭނެ ގޮތް އަޅުގަނޑުމެން ހެއްދެވި ފަރާތުން ވަނީ ބަޔާންކުރައްވާފަ އެވެ.
ﷲ ވަޙީކުރައްވަނީ: أَلَا بِذِكْرِ اللَّـهِ تَطْمَئِنُّ الْقُلُوبُ (سورة الرعد : 28)
މާނައީ: ”ހިތްތައް ހަމަޖެހެނީ، ﷲ ހަނދުމަކުރުމުން ނޫން ހެއްޔެވެ؟“
އަދި ހަމައެއާއެކު މި ”މެނުއަލް“ ގައި އަޅުގަނޑުމެން ހިތާމައާއި ހިތްނުތަނަވަސްކަމާ ކުރިމަތިލާން ޖެހޭ ސަބަބު ވެސް ވަނީ ބަޔާން ކުރައްވާފަ އެވެ.
ﷲ ވަޙީކުރައްވަނީ: وَمَنْ أَعْرَضَ عَن ذِكْرِي فَإِنَّ لَهُ مَعِيشَةً ضَنكًا وَنَحْشُرُهُ يَوْمَ الْقِيَامَةِ أَعْمَىٰ (سورة طه : 124)
މާނައީ: ”އަދި ތިމަންރަސްކަލާނގެ ޤުރްއާނަށް ފުރަގަސްދީފި މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެ މީހަކަށް އޮތީ، ދަތި ދިރިއުޅުމެކެވެ. އަދި ޤިޔާމަތް ދުވަހުން އެމީހަކު ކަނު މީހެއްގެ ގޮތުގައި މަޙްޝަރަށް ފޮނުއްވާހުށީމެވެ.“
ﷲ ގެ މަގަށް ރުޖޫޢަވެ އުފާވެރިކަމާއި ހިތްހަމަޖެހުން ލިބިގަންނަމާ ހިންގަވާށެވެ! ﷲގެ ބަސްފުޅު ދުވަހަކު ވެސް ދޮގެއް ނުވާނެ އެވެ!
ނޯޓް: ޝައިޚް ޖަޢުފަރު މުޙައްމަދު ޢުޘްމާންގެ ލިޔުއްވުމެކެވެ.