އަޔޫޝްމަން ކްރާނާ އާއި ޝަރުވާރީީ ވާގް ލީޑް ރޯލަށް ލައިގެން ޑައިރެކްޓަރު ސޫރަޖް ބަރްޖަތިއާ ހަދަން ނިންމާފައިވާ ފިލްމުގެ ޝޫޓިން މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ފަށާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ ސޫރަޖްގެ ކުރީގެ ބައެއް ފިލްމުތަކުގައި ވެސް މުހިއްމު ރޯލުތަކެއް ކުޅެފައިވާ އަނޫޕަމް ކޭރް ވެސް އާ ފިލްމުގެ ކާސްޓްގައި ހިމެނޭ ކަމަށެވެ. ސޫރަޖް އެންމެ ފަހުން ގެނެސްދިން 2022 ގެ "އޫޗާއީ" ގެ އިތުރުން "ހަމް އާޕް ކޭ ހޭ ކޯން" އާއި "ވިވާ" އަދި "ޕްރޭމް ރަތަން ދަން ޕާޔޯ" ގެ ކާސްޓްގައި ވެސް އަނޫޕަމް ހިމެނެ އެވެ.
އާ ފިލްމާ ބެހޭ އެއްވެސް މައުލޫމާތެއް ރަސްމީކޮށް މިހާތަނަށް ސޫރަޖް އަދި ހިއްސާކޮށްފައި ނުވާ އިރު، މި ފިލްމަކީ އޭނަގެ އާއިލީ ފިލްމު ކުންފުނި، ރާޖްޝްރީ ޕްރޮޑަކްޝަންސްގެ ސިގްނޭޗާ ޖޯންރާ ކަމަށްވާ އާއިލީ ލޯބީގެ ފިލްމެކެވެ.
އެ ސްޓޫޑިއޯގެ އެންމެ ފަހުގެ ފިލްމަކީ ސޫރަޖްގެ ދަރިފުޅު އަވްނިޝް ބަރްޖަތިއާ ޑައިރެކްޝަނަށް ނުކުތް 2023 ގެ "ދޯނޯ" އެވެ. އެ ފިލްމަކީ ސަނީ ޑިއޯލްގެ ހަގު ދަރިފުޅު، ރަޖްވީރު ޑިއޯލް އާއި ކުރީގެ ބަތަލާ ޕޫނަމް ދިލަންގެ ދަރިފުޅު، ޕަލޯމާ ދިލަން ތައާރަފުކުރި ފިލްމެވެ.
ނެޝަނަލް އެވޯޑް ހޯދާފައިވާ އެކްޓަރު އަޔޫޝްމަނާ އެކު ފިލްމެއް ހަދަން ސޫރަޖް ނިންމީ އޭނަގެ "ޑާލިން" ސަލްމާން ޚާނާ އެކު ހަދަން ޕްލޭންކުރި ފިލްމުގެ މަސައްކަތަށް އިތުރު ވަގުތު ނަގާތީ އެވެ. ސަލްމާނަކީ ސޫރަޖްގެ ފުރަތަމަ ފިލްމު ކަމަށްވާ "މޭނޭ ޕިޔާރު ކިޔާ" ގެ އިތުރުން "ހަމް އާޕް ކޭ ހޭ ކޯން" އާއި "ހަމް ސާތު ސާތު ހޭ" ގެ އަދި "ޕްރޭމް ރަތަން ދަން ޕާޔޯ" ގެ ވެސް ބަތަލެވެ.