Last Updated: June 10, 11:38
Tuesday, June 10, 2025
ކުޅިވަރު

ބެލޮންޑިއޯ ލިބެން ވާނީ ޗެމްޕިއަންސް ލީގު ނަގާ ކުޅުންތެރިއަކަށް

ފްރާންސް ފުޓްބޯލް އިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑް ލިބެން ވާނީ ޗެމްޕިއަންސް ލީގު ނަގާ ޓީމެއްގައި ހިމެނޭ ކުޅުންތެރިއަކަށް ކަމަށް ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

ނޭޝަންސް ލީގުގެ ފައިނަލްގައި މިރޭ ސްޕެއިންއާ ދެކޮޅަށް ޕޯޗުގަލް އިން ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ރޮނާލްޑޯ ބުނީ ބެލޮންޑިއޯ ލިބޭ ކުޅުންތެރިއަކީ ތަށިތައް ކާމިޔާބުކުރާ ޓީމެއްގައި ހިމެނޭ ކުޅުންތެރިއަކަށް ވާންޖެހޭނެ ކަމަށެވެ.

"ބެލޮންޑިއޯ ލިބޭ ކުޅުންތެރިއަކީ ޗެމްޕިއަންސް ލީގު ނަގާ ޓީމެއްގައި ހިމެނޭ ކުޅުންތެރިއަކަށް ވާންޖެހޭނެ،" ބެލޮންޑިއޯ ފަސް ފަހަރު ހޯދާފައިވާ ރޮނާލްޑޯ ބުންޏެވެ.

މި ސީޒަނުގައި ބެލޮންޑިއޯ ލިބުން ހައްގީ ކޮން ކުޅުންތެރިއަކަށްކަން ބުނަން ނޭނގޭ ކަމަށްވެސް ރޮނާލްޑޯ ބުންޏެވެ.

ބެލޮންޑިއޯ އެވޯޑަށް މިފަހަރު އެންމެ ބޮޑަށް ވާދަކުރާ ކުޅުންތެރިއަކީ ޕީއެސްޖީއަށް ކުޅެމުން އަންނަ އޮސްމާނޭ ޑެމްބެލޭ އެވެ. މި ސީޒަނުގައި ޕީއެސްޖީ އަށް ކުޅެދިން 49 މެޗުގައި ޑެމްބެލޭ ވަނީ 33 ގޯލު ކާމިޔާބުކޮށް 15 އެސިސްޓް ހަދައިފަ އެވެ.

ޕީއެސްޖީގެ ތާރީހުގައި ވެސް ޗެމްޕިއަންސް ލީގު އެ ކްލަބުން ފުރަތަމަ ފަހަރަށް މި ސީޒަނުގައި އެޓީމުން ކާމިޔާބުކޮށްފައިވާއިރު، ޗެމްޕިއަންސް ލީގު ތަށްޓާއެކު ޕީއެސްޖީން ވަނީ މި ސީޒަނުގައި ހަތަރު ތަށި ކާމިޔާބުކޮށްފަ އެވެ. ޗެމްޕިއަންސް ލީގުގެ އިތުރުން ޕީއެސްޖީން ވަނީ ފްރެންޗު ލީގާއި ފްރެންޗު ކަޕް އަދި ފްރެންޗު ސުޕަ ކަޕް ވެސް ކާމިޔާބުކޮށްފަ އެވެ.