Last Updated: June 10, 10:58
Tuesday, June 10, 2025
ޚަބަރު

އދ. ގެ އޯޝަން ކޮންފަރެންސަށް ތޯރިގު ފްރާންސަށް

މިނިސްޓާ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ޠާރިޤު އިބްރާހީމް، ފްރާންސްގެ ނިސް ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ އ.ދ.ގެ އޯޝަން ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަތުމަށް ފުރާވަޑައިގެންފި އެވެ.

މިނިސްޓްރީން ބުނީ މި މުހިންމު ބައިނަލްއަޤްވާމީ ޖަލްސާގެ މައިގަނޑު މަޤްޞަދަކީ ކަނޑުތަކާއި ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމާއި ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަވަސްކުރުމާއި، މިކަމަށް ބޭނުންވާ ވަސީލަތްތައް ހޯދުން ކަމަށެވެ. އަދި، އ.ދ.ގެ ދެމެހެއްޓެނިވި ތަރައްޤީގެ 14 ވަނަ ލަނޑުދަނޑި ޙާޞިލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އަވަސްކުރުމަށްވެސް މި ޖަލްސާގައި އަލިއަޅުވާލެވޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

މިނިސްޓަރު ތޯރިގު މި ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމުން، ރާއްޖެއަށް ދިމާވެފައިވާ ތިމާވެށީގެ ގޮންޖެހުންތަކާއި، ކަނޑުތަކާއި ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުން މަޢުލޫމާތު ހިއްސާކުރުމުގެ ފުރުޞަތު ލިބޭނެ ކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެ އެވެ.

އޯޝަން ކޮންފަރެންސް 2025 ގައި ދުނިޔޭގެ އެކި ޤައުމުތަކުގެ ސަރުކާރުތަކާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި، އަމިއްލަ ޖަމާޢަތްތަކުގެ އިސް ފަރާތްތައް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.