Last Updated: June 10, 10:58
Tuesday, June 10, 2025
ޚަބަރު

އެޑިކްޓުންގެ ތެރެއިން 200 އެއްހާ މީހުން ރިމާންޑްގައި

މަސްތުވާތަކެތި ބޭންކުރާ މީހުންގެ ތެރެއިން 200 އެއްހާ މީހުން މިހާރު ރިމާންޑް ސެންޓަރުތަކަށް ނަގާފައިވާ ކަމަށް ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ބުނެފި އެވެ.

އެ ސެންޓަރުގެ ޗެއާޕާސަން ލުބާނާ ޒާހިރު، ދައުލަތުގެ މިޑިއާ، ޕީއެސްއެމްގައި ވިދާޅުވީ ރިމާންޑް ސެންޓަރުތަކަށް ނެގި އެޑިކްޓުންގެ ތެރޭގައ ހިމެނެނީ ރާއްޖޭގެ އެކި ހިސާނުތަކުން ނެގި މީހުން ކަމަށާއި އެ މީހުން މިހާރު ތިބީ ފަރުވާގެ ނިޒާމުގެ ތެރޭގައި ކަމަށެވެ.

ލުބްނާ ވިދާޅުވީ ރިމާންޑް ސެންޓަރަށް ނަގާފައިވާ މީހުންގެ ތެރެއިން މިހާރުގައި ގާތްގަނޑަކަށް 178 މީހުން އެބަތިބި ކަމަށެވެ.

އޭނަ ވިދާޅުވީ ފަރުވާއަށް ނުވެއްދި މިހާރު ތިބީ މަދު ބައެއް ކަމަށާއި އެކަން ލަސްވެފައި އޮތީ ކްރިމިނަލް ކޯޓްވައި އެ މީހުންނާ ގުޅޭ ގޮތުން ހުރި މައްސަލަތަކެއްގެ ސަބަބުން ކަމަށެވެ. ނަމަވެސް އެ މީހުން ވެސް ލަސްތަކެއް ނުވެ ފަރުވާ އަށް ވައްދާނެ ކަމަށް ވިދާޅުވިއެވެ.

"ރިމާންޑަށް ނަގާ މީހުން ފަރުވާއަށް ވެއްދުމުގެ އެންމެ މުހިންމު ކަމަކީ ލޯންގް ޓާމުް ފަރުވާއެއްގެ ތެރެއިން އެމީހުން ރަނގަޅުކޮށްފައި މުޖުތަމައުއަށް އަލުން ރަނގަޅު މީހުންގެ ގޮތުގައި ގުޅުވައި ދިނުން." ލުބްނާ ވިދާޅުވި އެވެ.

މަސްތުވާތަކެތި ބޭނުން ކުރާ މީހުން ފަރުވާ އަށް ވެއްދުން ފުޅާ ކުރުމަށްޓަކައި ދާދި ފަހުން ވަނީ ތިން ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުތަކަށް ރިމާންޑް ސެންޓަރުތަކަކަށް ބަދަލު ވެސް ކޮށްފަ އެވެ. އެއީ ކުރިމަތިވެފައި އޮތް ޖާގައިގެ ދަތިކަމާ ހެދި އެވެ.
އެ ތިން ސެންޓަރަކީ އައްޑޫ ހުޅުމީދޫ ވިލުނު ސެންޓަރާއި ފުވައްމުލަކު ޑުރަގު ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރުގެ އިތުރުން ތިނަދޫ ޑުރަގު ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރެވެ.

މަސްތުވާތަކެތީގެ މައްސަލަ އަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު އިޖުތިމާއީ އެއް މައްސަލަ އެވެ.