މި މަހު ރިލީޒްކުރާ އާމިރު ޚާންގެ އާ ފިލްމު "ސިތާރޭ ޒަމީން ޕަރް" އިން އޭނަގެ މަންމަ ޒީނަތު ޚާން ފެންނާނެ ކަމަށް އާމިރު ބުނެފި އެވެ.
ބުދަ ދުވަހުގެ ރޭ މީޑިއާތަކާ އެކު ބޭއްވި ފިލްމުގެ ޕްރޮމޯޝަނަލް އިވެންޓެއްގައި 60 އަހަރު އެކްޓަރު ބުނީ އުމުރުން މިހާރު 91 އަހަރުގެ މަންމަ ފެންނާނީ ފިލްމުގެ ލަވައަކުން ކަމަށެވެ. އާމިރު ބުނީ މަންމަ ފެންނާނީ "ސިތާރޭ ޒަމީން ޕަރް" ގެ ލަވަތަކުގެ ތެރެއިން ކައިވެނީގެ ހަފުލާއެއްއްގެ އުފާވެރިން ދައްކުވައިދޭ ލަވައަކުން ކަމަށެވެ. އެ ލަވަ އަކީ ފިލްމަށް އެންމެ ފަހުން ޝޫޓްކުރި ލަވަ ކަމަށް ވެސް އާމިރު ބުންޏެވެ.
އޭނަ ބުނި ގޮތުގައި މަންމަ ޒީނަތު ލަވައިގައި ހިމަނަން އެދުނީ ޑައިރެކްޓަރު އާރްއެސް ޕްރައްސަނާ ކަމަށެވެ.
"އޭނަ އެ ރިކްއެސްޓް ކުރީމަ އަހަރެން ބުނިން ހިއެއްނުވެއޭ މަންމަ އެއްބަސްވާނެއެކޭ. އެކަމަކު އަހަރެން އެ ވާހަކަ މަންމަ ކައިރީ ހަމަ ބުނިތަނާ ވަގުތުން އެއްބަސްވެއްޖެ،" އާމިރު ބުންނެވެ. "އެކަންވީ ވަރަށް ބޮޑު ޝޮކަކަށް. ސަބަބަކީ މިހާތަނަށް އަހަރެންގެ އެއްވެސް ފިލްމެއްގައި މަންމަ މިގޮތަށް ހިއްސާވެފައި ނުވާތީީ. މި ބުނާ ލަވައިގެ ދެތިން މަންޒަރަކުން މަންމަ ފެންނާނެ."
"ސިތާރޭ ޒަމީން ޕަރް" އިން އާމިރުގެ ދައްތަ ނިހާތު ޚާން، 62، ވެސް ފެންނާނެ އެވެ. އޭނަ މީގެ ކުރިން ބައެއް ފިލްމުތަކުގައި ރޯލުތަކެއް ކުޅެފައިވެ އެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމަކީ ޝާހްރުކް ޚާންގެ 2023 ގެ "ޕަތާން" އެވެ. އަދި މިދިޔަ މާޗް މަހު ރިލީޒްކުރި މަޝްހޫރު މަލަޔާޅަމް އެކްޓަރު މޯހަންލާލުގެ "އެލް2: އެމްޕްރާން" ގެ ރޯލަކުން ވެސް ނިޚާތު ފެނިފައިވެ އެވެ.
އާމިރު ބުނީ "ސިތާރޭ ޒަމީން ޕަރް" އިން މަންމަ އާއި ދައްތަ ހިއްސާވުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށާއި މިއީ އޭނަ އަށް މި ފިލްމު ހާއްސަވާ ސަބަބުތަކުގެ ތެރޭގައި ވެސް ހިމެނޭ ކަމެއް ކަމަށެވެ.
މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފިލްމު ސިނަމާތަކަށް އަންނާނީ މި މަހުގެ 20 ގަ އެވެ.