Last Updated: June 10, 10:27
Tuesday, June 10, 2025
ޚަބަރު

އިމާރާތްކުރާ އިރު އިންޝުއަރެންސް ލާޒިމްކޮށްފި

އިމާރާތްކުރުމުގެ މަސައްކަތް ކުރަމުން އަންނަ އިރު ވަށައިގެންވާ ސަރަހައްދާއި ހިނގާ އުޅޭ މީހުންނަށް ބަދަލު ލިބޭނެ އިންޝުއަރެންސް ޕްލޭނެއް ނެގުން ލާޒިމްކޮށްފި އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ޢިމާރާތް ކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދަށް ގެނެސްފައިވާ ފަސްވަނަ އިސްލާހުގައި އެކަން ލާޒިމްކޮށް ގަވައިދު ސަރުކާރުގެ ގެޒެޓްކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހު އެވެ.

މި އިސްލާހުގެ ދަށުން، އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ އިރު ވަށައިގެންވާ ސަރަހައްދާއި، މަސައްކަތުގައި އުޅޭ މީހުންނާއި، އިމާރާތްތަކާއި ބިނާތަކާއި އަދި އެ ސަރަހައްދުގައި ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ލިބިދާނެ ގެއްލުމެއްގެ ބަދަލު ލިބޭނެ ގޮތަށް އިންޝުއަރެންސް ޕެކޭޖެއް ނެގުން ލާޒިމް ވާނެ އެވެ. އެގޮތުން ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގައި މި އިންޝުއަރެންސް ޕެކޭޖަކީ މުދަލާއި އެއްގަމު ވެހިކަލްތަކަށް ލިބިދާނެ ގެއްލުމެއްގެ ބަދަލު ދިނުމަށްޓަކައި އެ ކަންކަން ހިމެނޭ ގޮތަށް އޮންނަ ޕްރޮޖެކްޓަކަށް ކަވަރޭޖް ލިބޭނެ އިންޝުއަރަންސް ކަވަރޭޖަކަށް ވާން ޖެހޭނެ އެވެ.

މިހާރު ގަވައިދުގައި ބުނެފައިވާ ގޮތުގައި ޕްރޮޖެކްޓް ހިންގުމުގެ ލައިސަންސް ލިބޭނީ އެފަދަ އިންޝްއަރެންސް ޕެކޭޖެއް ނެގުމުންނެވެ.

މިނިސްޓްރީން ބުނީ އާ އިސްލާހުގެ މައިގަނޑު ބޭނުމަކީ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ދިމާވާ ނުރައްކާތެރި ހާދިސާތަކުން ރައްޔިތުންނާއި މުދަލަށް ލިބޭ ގެއްލުންތަކަށް ބަދަލު ހޯދުމުގެ މަގު ތަނަވަސްކޮށް ދިނުން ކަމަށެވެ.

އިމާރާތް ކުރުމުގެ މަސައްކަތްތަކުގެ ތެރޭގައި އިމާރާތްތަކުން ވެއްޓޭ އެއްޗެހިން މީހުންނާއި ތަކެއްޗަށް ގެއްލުން ލިބުމަކީ މި ފަހުން ވަރަށް ބޮޑަށް އާންމުވެފައި އޮތް ކަމެކެވެ. ހާއްސަކޮށް އުސް އިމާރާތްތައް ގިނަވަމުން އަންނަ މާލޭގަ އެވެ.