Last Updated: June 10, 10:27
Tuesday, June 10, 2025
ޚަބަރު

މެރިކަލްޗާ އަށް އިންވެސްޓް ކުރަން ހުޅުވާލަނީ

ރާއްޖޭގެ މެރިކަލްޗަ ދާއިރާ އަށް އިންވެސްޓްކުރުމުގެ ފުރުސަތު އަންނަ މަހު ހުޅުވާލާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާމ، ޕީއެސްއެމްގައި އޭނަ ވިދާޅުވީ ސިނާޢަތެއްގެ ގޮތުގައި މެރިކަލްޗަ ތަރައްގީ ކުރުމަކީ މި ސަރުކާރުގެ ސިޔާސަތެއް ކަމަށާއި އެ ދާއިރާ އިން އިންވެސްޓްކުރާނެ މާހައުލެއް އުފައްދަން ބޭނުންވާ ކަމަށެވެ. އެގޮތުން މެރިކަލްޗާ އަށް މިހާރު ފަސް ޒޯނެއް ކަނޑައަޅާފައިވާ އިރު، އެ ދާއިރާ އިން މީހުން ތަމްރީނު ކުރަމުން އަންނަކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އެ ހާއްސަ ޒޯންތަކަކީ، ހއ. އަތޮޅު، ރ. އަތޮޅު، ކ. އަތޮޅު، މ. އަތޮޅު އަދި ތ. އަތޮޅެވެ.

ޝިޔާމު ވިދާޅުވީ މެރިކަލްޗާ އަށް އިންވެސްޓް ކުރަން މިހާރު ލުއިތަކެއް ވެސް ދީފައިވާ ކަމަށެވެ. އޭގެ ތެރޭގައި އިކުއިޒިޝަން ކޮސްޓް ނުނެގުމާއި ތިން އަހަރުގެ ލޭންޑް ރެންޓް ނުނެގުން ހިމެނެ އެވެ.

"އެހެންވީމަ މިހާރު އަޅުގަނޑުމެން ތައްޔާރުވަމުން މި ދަނީ ހުޅުވާލުމުގެ މަސައްކަތްތައް. ބިޑް ޑޮކިއުމަންޓް ތައްޔާރުކުރެވިފައި މި ގަސްތުކުރަނީ މި އަންނަ މަހުގައި ހުޅުވާލެވި ތިން މަސް ދުވަސް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ޚާއްސަ މި ކުރަނީ ބޭރުގެ އިންވެސްޓްމަންޓްތަކަށް ތިން މަސްދުވަސް ޚާއްސަކޮށްފައި ބަލާނަން ބޭރުގެ ރަނގަޅު އިންވެސްޓްމަންޓްތައް ރާއްޖެއަށް ލިބޭތޯ." މިނިސްޓަރު ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ، ރާއްޖޭގައި މިހާރު މެރިކަލްޗާ ސިނާޢަތް އޮތީ ވަރަށް ޅަފަތުގައި ކަމަށް ވިޔަސް ނަމަވެސް ސަރުކާރުގެ އަމާޒަކީ އެ ސިނާޢަތް ފުޅާކޮށް ސީފުޑްގެ ބާވަތްތައް ރާއްޖެއަށް އިމްޕޯޓްކުރާ މިންވަރު މަދުކުރުން ކަމަށެވެ.

މެރިކަލްޗަ ސިނާއަށް ފުޅާކުރުމަކީ މަސްވެރިކަން ސިންދަފާތު ކުރަން މި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ މުހިއްމު ބައެކެވެ.