ބަލި މީހުންގެ ފޮޓޯ ބޭނުންކޮށްގެން ސްކޭމްތަކެއް ހިންގަމުންދާތީ ސަމާލުވާން ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން މިއަދު އިލްތިމާސްކޮށްފި އެވެ.
އެތަނުން ބުނީ ސޯޝަލް މީޑިއާގައި ބަލިމީހުންގެ ފޮޓޯ ބޭނުންކޮށްގެން އެހީ ހޯދުމުގެ ނަމުގައި އާންމުވަމުންދާ ސްކޭމް ޕޯސްޓްތައް އިތުރުވަމުންދާތީ އެކަމަށް ސަމާލުވާން އިލްތިމާސްކުރާ ކަމަށެވެ.
އެގޮތުން ސަމާލުކަން ދޭންވީ ކަންކަމުގެ ތެރޭގައި އެފަދަ ޕޯސްޓް ޖަހާފައިވާ އެކައުންޓަކީ ބަލިމީހާގެ އެކައުންޓުތޯ ނުވަތަ އާއިލާގެ ބޭފުޅެއްގެ އަކައުންޓުތޯ (ސައްޙަ އެކައުންޓެއްތޯ) ޔަގީން ކުރުމާއި ގުޅަން ދީފައިވާ ނަންބަރަށް ގުޅައި މައުލޫމާތު ސާފުކުރުމާއި ބަލިމީހާގެ ޑޮކްޓަރުގެ ލިޔުންތަކާއި ހުށަހަޅާފައިވާ މަޢުލޫމާތު ދިމާވޭތޯ ބެލުމާއި ޕޯސްޓް ޖަހާފައި ވަނީ އިތުބާރު ހުރި ފަރާތަކުންތޯ ކަށަވަރުކުރުން ހިމެނެ އެވެ.
އެންޓި-ސްކޭމް ސެންޓަރިން ބުނީ އެހީ ދޭން ފައިސާ ޓްރާންސްފާ ކުރުމުގެ މިފަދަ ކަންކަމަށް ފަރުވާތެރިވާން އެދޭ ކަމަށެވެ.
އެކި ގޮތްގޮތަށް ހިންގާ ސްކޭމްތަކުން މީސްމީހުންގެ ފައިސާ ފޭރޭ މައްސަލަ ރާއްޖޭގައި މިހާރު ވަރަށް ބޮޑެވެ. އެހެންވެ ފުލުހުން އަންނަނީ ތަކުރާރުކޮށް ސަމާލުވުމަށް އާންމުންނަށް އިލްތިމާސްކޮށް، އިރުޝާދުތައް ވެސް ދެމުންނެވެ.