ބޮލީވުޑްގެ ކޮމެޑީ ފްރެންޗައިޒް "ހައުސްފުލް" ގެ ފަސް ވަނަ ބަޔަށް ބޮޑު ތަރުހީބެއް ލިބެމުން އެބަދެ އެވެ.
އިންޑިއާ އާއި އިންޑިއާ އިން ބޭރުގެ މާކެޓްތަކުގައި ވެސް ފިލްމަށް އޮތް ފޯރި ގަދަވަމުން އަންނަ އިރު، އިންޑިއާ އިން "ހައުސްފުލް" އަށް އިއްޔެ ހަމައާ އަށް ވަނީ ޖުމްލަ 50.63 ކްރޯޑް ރުޕީސް (6.6 މިލިއަން ޑޮލަރު) ލިބިފަ އެވެ.
މި ފިލްމަކީ މި އަހަރުގެ މިހާތަނަށް ރިލިޒްކުރި އަކްޝޭ ކުމާރުގެ ތިން ފިލްމުގެ ތެރެއިން އެންމެ ރަނގަޅު ފެށުމެއް ވެސް ލިބުނު ފިލްމެވެ. އެގޮތުން ހުކުރު ދުވަހު އެކަނި "ހައުސްފުލް 5" އަށް 24.35 ކްރޯޑް ރުޕީސް (2.9 މިލިއަން ޑޮލަރު) ލިބިފައިވެ އެވެ.
ކުރިން ރިލީޒްކުރި އަކްޝޭގެ ދެ ފިލްމު ކަމަށްވާ "ކޭސަރީ ޗެޕްޓާ 2" އަށް ފުރަމަ ދުވަހު ބޮކްސް އޮފީހުގައި 7.84 ކްރޯޑް ރުޕީސް ލިބުނު އިރު، "ސްކައި ފޯސް" އަކީ ރިލީޒްކުރި ދުވަހު 15.30 ކްރޯޑް (ރުޕީސް 1.8 މިލިއަން ޑޮލަރު) ލިބުނު ފިލްމެކެވެ.
"ހައުސްފުލް 5" އަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ އިރު، މި ފިލްމަކީ މިހާތަނަށް ރިލީޒްކުރި ބޮލީވުޑްގެ ފިލްމުތަކުގެ ތެރެއިން ތިން ވަނަ އަށް އެންމެ ރަނގަޅު ފެށުން ވެސް ލިބުނު ފިލްމެވެ. އެ ލިސްޓްގެ އެއް ވަނައިގައި އޮތީ ފެބްރުއަރީގައި ރިލިޒްކޮށް، މި އަހަރުގެ މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ހޯދުމުގެ ރެކޯޑް އޮތް ވިކީ ކޯޝަލްގެ "ޗާވާ" އެވެ. އެ ފިލްމު ސިނަމާތަކަށް ގެނައި ދުވަހު އިންޑިއާ އިން އެކަނި 33.10 ކްރޯޑް ރުޕީސް (3.9 މިލިއަން ޑޮލަރު) ލިބިފައިވެ އެވެ.
ދެވަނައިގައި އޮތީ މާޗްގައި ރިލީޒްކުރި ސަލްމާން ޚާންގެ "ސިކަންދަރު" އެވެ. އޭގެ ފުރަތަމަ ދުވަހުގެ އާމްދަނީ އަކީ 30.06 ކްރޯޑް ރުޕީސް (3.5 މިލިއަން ޑޮލަރު) އެވެ.
"ސިކަންދަރު" އަކީ "ހައުސްފުލް 5" ވެސް ގެނެސްދިން ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާގެ ފިލްމެކެވެ.
މި އަހަރުގެ އެންމެ ބޮޑު ހިޓްތަކުގެ ތެރޭގައި ހިމެނޭނެ ކަމަށް ބެލެވޭ "ހައުސްފުލް 5" ގެ ވާހަކަ ބިނާކޮށްފައި އޮތީ ކްރޫޒްޝިޕެއްގެ ތެރޭގައި ހިނގާ ގަތުލެއްގެ ހަގގަތް ހޯދަން ކުރާ މަސައްކަތުގެ ތެރޭގައި ދިމާވާ ހެއްވާ ކަންތައްތަކަށެވެ. މި ފިލްމު ޑައިރެކްޓްކުރީ 2008 ގެ "ދޯސްތާނާ" ގެނެސްދިން ތަރޫން މަންސުކާނީ އެވެ.
ފިލްމުގެ ކާސްޓަށް ބަލާ އިރު، މީގެ ކުރީގެ ހުރިހާ ބައިތަކެއްގައި ވެސް ހިމެނޭ އަކްޝޭ އާއި ރިތޭޝް ދޭޝްމުކާ އެކު، ކުރީގެ އެކި ބައިތަކުން ފެނިފައިވާ ބައެއް ތަރިންނާއި މުޅިން އަލަށް ކާސްޓާ ގުޅުނު ތަރިން ވެސް ހިމެނެ އެވެ.
އެގޮތުން ފިލްމުން ފެންނަ ތަރިންގެ އަބީޝެކް ބައްޗަން، ޝްރެޔަސް ތަލްޕަޅޭ، ޖެކްލީން ފެނާންޑޭޒް، ނަރުގިސް ފަޙްރީ، ފަރުދީން ޚާން، ޑީނޯ މޯރިއާ، ޗިތުރަންގަދާ ސިންގް، ޗަންކީ ޕާންޑޭ، ސައުންދަރިއާ ޝަރުމާ، ސަންޖޭ ދަތު، ސޯނަމް ބަޖްވާ، ޖެކީ، ޝްރޮފް، ނާނާ ޕަޓޭކަރް، ޖޯނީ ލީވާ، ރަންޖީތު އަދި ނިތިކިން ދީރް ހިމެނެ އެވެ.
ވަރަށް ބޮޑު ކާސްޓަކާ އެކު ގެނެސްދިން "ހައުސްފުލް 5" އާ ބެހޭ ގޮތުން މަޝްހޫރު ފިލްމު ކްރިޓިކް ތަރަން އަދާޝް ބުނި ގޮތުގައި މިއީ ދެން ވާނެ ގޮތެއް ބަލަން އިންނަން ޖެހޭ ކަހަލަ ވަރަށް ޝައުގުވެރި އަދި ހީހީ ވަރުބަލިވާ ކަހަލަ މަޖާ ފިލްމެކެވެ. އޭނަ ބުނި ގޮތުގައި ގިނަ ބަޔަކަށް ފިލްމު ކަމުދިޔަ ސަބަބުތަކުގެ ތެރޭގައި މުޅި ފިލްމު އެންމެ ފަހު ވަގުތާ ހަމައަށް ވެސް ޝައުގުވެރިކަން ނުގެއްލޭ ގޮތަށް ގެނެސްދީފައިވުމާއި ފިލްމުގެ ސްކްރީންޕްލޭ އާއި ޑައިރެޝަން ރަނގަޅުވުމާއި ތަރުންގެ އެކްޓަރުން ރަނގަޅުވުމުގެ އިތުރުން ފިލްމުގެ "ކެޗީ" މިއުޒިކްގެ ޖާދޫގައި ވެސް ގިނަ ބަޔަކު ޖެހުން ހިމެނެ އެވެ.
"ހައުސްފުލް 5" ގެ ލަވަތަކުގެ ތެރެއިން "ލާލް ޕަރީ" އަކީ ވަރަށް ޓްރެންޑްވި ލަވައެކެވެ. މި ފިލްމުގެ ހާއްސަ އަނެއް ކަމަކީ ފިލްމުގެ ދެ ވާޝަނެއް ގެނެސްދިނުމެވެ. އެއީ ދެ ގޮތަކަށް ކްލައިމެކްސް ގެނެސްދީގެންނެވެ. މިއީ މިފަދަ ގޮތަކަށް ބޮލީވުޑްގެ ފިލްމެއް ސިނަމާތަކަށް ގެނައި ފުރަތަމަ ފަހަރު ވެސް މެ އެވެ. "ހައުސްފުލް 2" ގައި ދެ ކްލައިމެކްސް ހިމެނި ސަބަބަކީ ގާތިލަކީ ކާކުކަން ހޯދަން އޮތް ޝައުގުވެރިކަން ވީހާ ވެސް ބޮޑުކުރުމެވެ.
ތަރަން ވަނީ ފިލްމަށް ފަހެކުން ތިނެއް ބައި ތަރީގެ ރޭޓިންއެއް ދީފަ އެވެ.