ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ފުވައްމުލަކަށް ވަޑައިގެންފި އެވެ.
ބޮޑު ޗުއްޓީގެ ފޯރިގަނޑުގެ ތެރޭގައި މައުމޫން އެ ސިޓީ އަށް ވަޑައިގަތީ އިއްޔެ އެވެ. އެ މަނިކުފާނު ފުވައްމުލަކަށް ވަޑައިގަތުމުން އިއްޔެ ސަޕޯޓަރުންތަކެއް އެއާޕޯޓުން ހޫނު މަރުހަބާއެއް ވެސް ކިޔާފައިވެ އެވެ
މައުމޫންގެ އަރިހުގައި އަނބިކަނބަލުން ނަސްރީނާ އިބްރާހީމް ވެސް ވަޑައިގެންނެވި އެވެ.
ފުވައްމުލަކުގެ ދަތުރުގެ ވާހަކަ ސޯޝަލް މީޑިއާގައި ހިއްސާކުރައްވައި ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި މައުމޫން ވިދާޅުވީ އަނެއްކާ ވެސް ފުވައްމުލަކަށް ޒިޔާރަތް ކުރެވި ކުރީގެ ގާތް ބޭފުޅުންނާ ބައްދަލުވެވަޑައިގަތުމަކީ ވަރަށް އުފާކުރައްވާ ކަމެއް ކަމަށެވެ. އަދު އެ ސިޓީ އަށް މިހާރު ބޮޑެތި ކުރިއެރުންތަކެއް އައިސްފައިވާކަން ވެސް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
މައުމޫންގެ ވެރިކަމުގައި ސަރުކާރުގެ ވަރަށް އިސް މަގާމުތަކެއް ފުވައްމުލަކުގެ ތައުލީމީ ބޭފުޅުންތަކެއް އަދާކުރައްވާފައިވެ އެވެ. އޭގެ ތެރޭގައި އެންމެ ފާހަގަކޮށްލެވޭ ބޭފުޅުންގެ ތެރޭގައި ކުރީގެ އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތި މަޖިލީހުގެ ރައީސް ޝައިހް މުހައްމަދު ރަޝީދު އިބްރާހީމާއި ކުރީގެ އެޑިއުކޭޝަން މިނިސްޓަރު/ސްޕޯޓްސް މިނިސްޓަރު ޑރ. މުހައްމަދު ޒާހިރު ހުސައިން ފާހަގަކޮށްލެވެ އެވެ.
މައުމޫން ފުވައްމުލަކަށް ވަށައިގެންނެވި އިރު، ހާއްސަ ދުވަސްތަކާ ދިމާކޮށްރާއްޖޭގެ އެކި ރަށްރަށަށް އެ މަނިކުފާނު މި ފަހުން ޒިޔާރަތް ކުރައްވަމުން ގެންދަވާކަން ވަރަށް ބޮޑަށް ފާހަގަކޮށްލެވެ އެވެ.
މައުމޫނަކީ ރާއްޖޭގައި ވެރިކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު އަބަދުވެސް ގަދަރާއި އިހުތިރާމުކުރާ ބޭފުޅެކެވެ.