"ބާހްބަލީ" އާއި "އާރްއާރްއާރް" ފަދަ ވަރުގަދަ ފިލްމުތައް ގެނެސްދިން އިންޑިއާގެ ތެލެގޫ ޑައިރެކްޓަރު އެސްއެސް ރާޖަމޯލީގެ އާ ފިލްމުގެ ކާސްޓާ އާރް މާދްވަން ވެސް ގުޅިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ބުނީ ބޮޑު ބަޖެޓަކުން ހަދާ މި އެކްޝަން އެޑްވަންޗާގައި މާދްވަން ވެސް ފެންނާނީ ފެންނާނީ ވަރަށް ވަރުގަދަ އަދި ފިލްމުގެ ސްޓޯރީލައިންގެ ވަރަށް ހާއްސަ ކެރެކްޓާއަކުން ކަމަށެވެ. ވަރަށް މޮޅު އެކްޓަރެއްގެ ގޮތުގައި ފާހަގަކޮށްލެވޭ މާދްވަންގެ މި ފިލްމުގެ ކާސްޓާ ގުޅުނު އިރު، މިއީ އޭނަ ރާޖަމޯލީއާ އެކު މަސައްކަތްކުރާ ފުރަތަމަ ފަހަރު ވެސް މެ އެވެ.
މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މި ފިލްމުގެ މަސައްކަތް ކުރިއަށްދާ އިރު، ރަސްމީކޮށް އަދި ފިލްމު އިއުލާންކޮށްފައެއް ނުވެ އެވެ. އެހެންވެ ފިލްމުގެ ނަމަކީ ވެސް ކޮބައި ކަމެއް އަދި ނޭނގެ އެވެ. އެކަމަކު މީގެ ލީޑް ކާސްޓަކީ މަޝްހޫރު ތެލެގޫ އެކްޓަރު މަހޭޝް ބާބޫ އާއި ޕްރިޔަންކާ ޗޯޕްޅާ އެވެ.
އަދި ފިލްމުގެ ވަރަށް ހާއްސަ ރޯލެއް މަޝްހޫރު މަލަޔާޅަމް އެކްޓަރު ޕްރިތުވީރާޖް ސުކްމަރަން ވެސް ކުޅެ އެވެ. މީޑިއާތަކުން ބުނި ގޮތުގައި މި ފިލްމުގެ ރޯލެއް ބޮލީވުޑްގެ ތަޖުރިބާކާރު އެކްޓަރު ނާނާ ޕަޓޭކަރަށް ވެސް ހުށަހަޅާފައިވެ އެވެ.
އިންޑިއާގެ މިހާރުގެ އެންމެ ވަރުގަދަ ޑައިރެކްޓަރުގެ ގޮތުގައި ފާހަގަކޮށްލެވޭ ރާޖަމޯލީގެ އާ ފިލްމަކީ އޭނަގެ ކުރީގެ ފިލްމުތަކާ އެއްގޮތަށް ބައްޕަ އަދި ސްކްރީން ރައިޓަރު ކޭވީ ވިޖަޔެންދުރަ ޕްރަސާދުއާ ގުޅިގެން ލިޔެފައިވާ ސްކްރިޕްޓަކަށް ހަދާ ފިލްމެކެވެ. ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމު ހަދަނީ 1،000 ކްރޯޑް ރުޕީސް (117 މިލިއަން ޑޮލަރު) ހެ ބަޖެޓަކުންނެވެ.
ރާޖަމޯލީގެ އެންމެ ފަހުގެ ފިލްމަކީ 2022 ގެ "އާރްއާރްއާރް" އެވެ.
އަންނަ އަހަރު ގެނެސްދޭނެ ކަމަށް ބެލެވޭ އޭނަގެ އާ ފިލްމަކީ 13 ވަނަ ޑައިރެކްޝަނެވެ.