އައްޑޫގައި ވެދާ ރާޑަރެއް ބެހެއްޓުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފި އެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި މެޓް އޮފީހުގެ އެސިސްޓެންޓް މީޓިއޮރޮލޮޖިސްޓް ހުސައިން ވަހީދު ވިދާޅުވީ އައްޑޫގައި ބަހައްޓާ ވެދާ ރާޑަރުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
އައްޑޫ ގަމަކީ ރާއްޖޭގައި މޫސުން ބަލާ އޮބްޒަވެޓްރީ ގާއިމުކޮށްފައިވާ އެއް ތަނެވެ. އޮބްޒަވޭޓަރީތައް ދެން ހުންނަނީ ހުޅުލެ، ހދ. ހަނިމާދޫ، ލ. ކައްދޫ އަދި ގދ. ކާޑެއްދޫ ގައެވެ. މީގެ ތެރެއިން ވެދާ ރާޑަރު މިހާރު ހުރީ ހަމައެކަނި ހުޅުލޭގަ އެވެ.
ވަހީދު ވިދާޅުވީ ގަމުގައި ވެދާ ރާޑަރެއް ބަހައްޓާ އިރު ކުރިއަށް އޮތް ތަނުގައި އިތުރު ރާޑަރު ސިސްޓަމްތައް ލިބުމާއެކު މުޅި ރާއްޖެ ރާޑަރި ނެޓްވޯކަކުން ގުޅާލުމަކީ ކުރެވޭ އުންމީދެއް ކަމަށެވެ.
"ވެދާ ރޭޑަރުތައް ބެހެއްޓި، ވެދާ ފޯކާސްޓް ކުރުމާއި އެލާޓް ނެރުމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެން ދާނެ." އޭނަ ވިދާޅުވި އެވެ.
ހުޅުލޭގައި ހުރި ރާޑަރު ބޭނުންކޮށްގެން ހުޅުލެއިން ފެށިގެން ގާތްގަނޑަކަށް 250 ކިލޯމީޓަރުގެ ރޭޑިއަސްގެ ތެރޭގައި ހިނގާ މޫސުމާ ބެހޭ މައުލޫމާތު ވަގުތުން ވަގުތަށް ދެނެގަނެވެ އެވެ.