عَنْ أَبِي هُرَيْرَةَ - رضى الله عنه - قَالَ: قَالَ رَسُولُ اَللَّهِ - صلى الله عليه وسلم - «إِيَّاكُمْ وَالظَّنَّ، فَإِنَّ اَلظَّنَّ أَكْذَبُ اَلْحَدِيثِ». (متفق عليه) އަބޫހުރައިރާ رضى الله عنه ގެ ކިބައިން ރިވާވެގެންވެއެވެ. މާތް الله ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. “ތިޔަބައިމީހުން ކުށްހީތަކާ ދުރުހެލިވާހުށިކަމެވެ. ފަހެ، ހަމަކަށަވަރުން، ކުށްހީއަކީ އެންމެ ބޮޑު ދޮގެވެ.” ކުށްހީއަކީ އެއްވެސް ދަލީލެއް ހެއްކެއް ނެތި ޙަޤީޤަތާ މުޅިން ޚިލާފަށް ހިތުން ކުރެވޭ ތުހުމަތެވެ. މާނައަކީ އަނެއް މުސްލިމް އަޚާއާމެދުގައި ޙަޤީޤަތާ ޚިލާފަށް ނުބައި ހީކުރުމެވެ. އަދި ކުށްހީ އާމެދުގައި މާތް الله ވަޙީކުރައްވާފައިވެއެވެ. ﴿يَا أَيُّهَا الَّذِينَ آمَنُوا اجْتَنِبُوا كَثِيرًا مِّنَ الظَّنِّ إِنَّ بَعْضَ الظَّنِّ إِثْمٌ﴾ [سورة الحجرات: ٤٩] މާނައީ: “އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ހީގެތެރެއިން ގިނަކަންތަކާ ދުރުވެގަންނާށެވެ! ހަމަކަށަވަރުން، ބައެއް ހީއަކީ ފާފައެކެވެ.”
އިސްލާމް ދީނަކީ މުޖުތަމަޢުގައި ދޭދޭ މީހުންގެ ގުޅުންތައް ރަނގަޅު ކުރުމަށް ބާރުއަޅުއްވާފައިވާ ދީނެކެވެ. އެހެންކަމުން މުސްލިމުންގެ ތެރޭގައި ޢަދާވާތްތެރިކަމާއި ރުޅިވެރިކަން އުފެދޭނޭ އަދި އުފެދުން އެކަށީގެންވާ އެންމެހާ މަގުތައް އެ ދީން ވަނީ ބަންދު ކުރައްވައިފަ އެވެ.
ޙަދީޘްގެ ޢިބާރާތުގައިވާ «أَكْذَبُ اَلْحَدِيثِ» “ކުށްހީއަކީ އެންމެ ބޮޑު ދޮގެވެ.” މި ޢިބާރާތުގެ މާނަކުރައްވަމުން ޢިލްމުވެރިން ވިދާޅުވަނީ؛ އެއްވެސް ދަލީލެއް ހުއްޖަތެއްގެ މައްޗަށް ބިނާ ވެގެން ނުވާ ކުށްހީ ހިމެނިގެން ދަނީ ދޮގުގެ ތެރެއިންނެވެ. ސަބަބަކީ އެގޮތަށް އެ ކުށްހީކުރާ މީހާ އެ އެއްޗެއްގެ މައްޗަށް ބަރޯސާވުން ހުއްދަވެގެން ނުވާ އެއްޗަކަށް ބަރޯސާވެ، އެކަމަކީ ސާބިތު ކަމެއް ކަމުގައި އޭނާ އަމިއްލަ އަށް ނިންމަ އެވެ.
ޙަދީޘްގެ ޢިބާރާތުގައިވާ «أَكْذَبُ اَلْحَدِيثِ» ގެ ބަހުގެ މާނައަކީ “އެންމެ ދޮގުކަން ބޮޑު ބަހެވެ.” މި ބަސްފުޅުން ދޭހަ ވަނީ އިންސާނާ އޭނާގެ ހިތުން ނިންމާ ނިންމުންތައް އޭނާގެ ދުލުން ނުވަތަ ޢަމަލުން ފެނިގެން ދާނެކަމެވެ.
މިފަދަ ކުށްހީގެ ސަބަބުން އުފެދޭ ފަސާދަތަކަށް ބަލާލާއިރު، ޙައްޤަކާ ނުލައި އަނެއް މުސްލިމް އަޚާ ދެކެ ރުޅި އާދެވި އޭނާއާ ޢަދާވާތްތެރިވެވެއެވެ. އިމާމް އައްނަވަވީ ވިދާޅުވަނީ މީސްތަކުންނާމެދު ނުބައި ހީކުރުމަކީ ހިތުގެ ޣީބަކަމުގައެވެ. މީސްތަކުންނާމެދު ކުށްހީ ކުރާ މީހާއަށް ފަހަރުގައި އަނެކުންނާ މެދުގައި ބުނުން ޙައްޤު ނޫން ބަހެއް ބުނެވިދާނެއެވެ. ނުވަތަ ކުރުން ޙައްޤު ނޫން ކަމެއް ކުރެވިދާނެ އެވެ.
އަލްޚައްޠާބީ ވިދާޅުވަނީ ޙަދީޘްގައި ބަޔާންވެފައިވާ ކުށްހީގެ މުރާދަކީ އޭނާގެ ހިތުގައި އެކުށްހީ ސާބިތުކޮށް އޭގެ މައްޗަށް ކަންކަން ބިނާކުރުން ކަމުގައެވެ. އަދި ޔަގީނުގެ ދަރަޖައަށް އެކަން ގެންދިޔުމެވެ.
އިސްލާމް ދީން އަޅުގަނޑުމެނަށް ދޭ ތަރުބިއްޔަތަކީ އަނެކުންނާ މެދު އަބަދު ވެސް ދެކެން ޖެހޭނީ ހެޔޮކޮށް ކަމުގައެވެ. ނަމަވެސް މިއީ ވަރަށް ބޮޑަށް ނަފްސު އެކަމަށް ތަރުބިއްޔަތުކޮށްގެން ނޫނީ ޙާޞިލުނުކުރެވޭނެ ކަމެކެވެ. އަނެކުންނާމެދު ނުބައި ޚިޔާލުތައް އަޅުގަނޑުމެންގެ ހިތަށް ވެއްދުމުގައި ޝައިޠާނާ ކުޑަ ތަންފުކެއް ވެސް ދޫނުކުރާނެކަން ދަންނަންވާނެ އެވެ! އަދި ނުބައިކޮށް ހީއެއް ކުރެވިއްޖެ ނަމަ އެއީ ޝައިޠާނާގެ ފަރާތުން އައި ކަމެއް ކަމުގައި ބަލައި އެކަމަށް ފާރަވެރިވެ ވީވަރަކުން އަނެކުންނަށް ޢުޒުރު ހޯދަދޭށެވެ! ހެޔޮލަފާ ހެޔޮހިތެއްގެ މީހަކަށް ނޫނީ މިއީ ވަރަށް އުނދަގޫ ކަމެކެވެ.
މަސްދަރު: އިލްމު.އެމްވީ