Last Updated: June 14, 18:14
Saturday, June 14, 2025
ރިޕޯޓް

މިއަދުގެ ހާއްސަ: ކުރުކުރު ކައްޓަލަ

ކުރުކުރު ކައްޓަލަ އަކީ އަހަރެމެންގެ ކާބައިންގެ ޒަމާނުގައި އާންމުކޮށް ކެއުމުގައި ބޭނުން ކުރަމުން އައި ފަލަމަޑިގެ ބާވަތެކެވެ. މިހާރު ވެސް ކުރުކުރު ކައްޓަލަ ކައި އުޅެ އެވެ. މިއީ މިހާރު ވެސް ރާއްޖޭގެ ގިނަ ފަޅުރަށްތަކުގައި ވަރަށް ގިނައިން ހެދޭ ކައްޓަލައެކެވެ.

މި ކައްޓަލަ އަކީ ވަރަށް ފުނަށް ފައިބާ ކައްޓަލައެއްކަމުން، މި ކައްޓަލަ ކޮންނަން ޖެހޭނީ ވަރަށް ބުރަ މަސައްކަތުންނެވެ. އެހެން ނަމަވެސް ކުރުކުރު ކައްޓަލަ އަކީ އޭގައި ސިއްޚީ އެތަކެއް ފައިދާތަކެއް އެކުލެވިގެންވާ ބާވަތެކެވެ.

ކުރުކުރު ކައްޓަލައިގެ ބައެއް ޞިއްޙީ ފައިދާތައް:

* ހިތުގެ ބަލިތަކުން ރައްކާތެރިކޮށް ދިނުން: ކުރުކުރު ކައްޓަލައިގައި ވިޓަމިން ބީ6 ނުވަތަ ޕައިރިޑޮކްސިން ގިނަ އަދަދަކަށް ހުރެ އެވެ. ސިއްޚީ ދިރާސާތަކުން ދައްކާ ގޮތުގައި ޕައިރިޑޮކްސިން އަކީ ލޭހޮޅި ތައް ހަލާކުކޮށް އެމިނޯއެސިޑް "ހީމޯސިސްޓެއިން" ބައިބައިކުރުމަށް ބޭނުންވާ މާއްދާ އެކެވެ. އަދި ކުރުކުރުގައި ޕޮޓޭސިއަމް ވެސް ގިނަ އަދަދަކަށް ހުރެއެވެ. ޕޮޓޭސިއަމް އަކީ ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭ މައުދަނެކެވެ.

* ކެންސަރުން ރައްކާތެރިކޮށް ދިނުން: ކުރުކުރު ކައްޓަލައިގައި ވިޓަމިން ސީ އެކުލެވިގެންވުމަކީ ފްރީރެޑިކަލް ތަކުގެ ސަބަބުން ހަށިގަނޑަށް ލިބޭ ގެއްލުމުން ރައްކާތެރިކޮށް ދޭނެ ކަމެކެވެ. އެގޮތުން އަނގަ، ކަރު، ގޮހޮރު، ބަނޑު، ކާތަކެތި ހިނގާހޮޅި، ފުއްޕާމޭ، ފަދަ ކެންސަރުގެ ބާވަތްތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭނެ އެވެ.

* ލޮލުގެ ދުޅަހެޔޮކަން ދެމެހެއްޓުން: ކުރުކުރު ކައްޓަލަ،އިގައި ދުވާލެއްގެ މައްޗަށް ބޭނުންވާ ވިޓަމިން ސީގެ 30 އިންސައްތަ ހުރެއެވެ. ވިޓަމިން ސީ އަކީ ދިފާއީ ބާރު ރަގަޅުކޮށްދީ ލޮލުގެ މައްސަލަތައް މެދުވެރިވުން ކުޑަކޮށްދޭ މާއްދާއެކެވެ.

* ބަރުދަން ލުއިކޮށް ދިނުން: ކުރުކުރު ކައްޓަލައިގައި ފައިބަރު ގިނަ އަދަދަކަށް ހުރެ އެވެ. ފައިބަރު ގިނައިން ހުރުމަކީ މިބާވަތްތައް ބޭނުން ކުރުމުން ފުރިފައި ހުންނަ އިހުސާސެއް ގެނެސްދޭނެ ކަމެކެވެ. މާނައަކީ ނިސްބަތުން ކެވޭ މިންވަރު މަދުވެ، ބަރުދަން ލުއި ކުރުމަށް އެހީތެރިކަން ލިބިގެން ދިއުމެވެ.

* ސިކުނޑިއާއި ނާރުތަކަށް ފައިދާވުން: ކައްޓަލައިގައި ޕޮޓޭސިއަމް ގިނައިން ހުރެއެވެ. ޕޮޓޭސިއަމް އަކީ ނާރުތަކާއި މަސްތަކުގެ މަސައްކަތަށް ބޭނުންތެރި މައުދަނެކެވެ. މަސްތައް ކުރުގެޅި ހަމައަކަށް އެޅުމާއި، ނާރުތައް ހީވާގިވެ ހަރަކާތްތެރިވުން ހަށިގަނޑުގައި ޕޮޓޭސިއަމް ހުންނަ ނިސްބަތެއްގެ މައްޗަށް ބަރޯސާވާކަން ފާހަގަ ކުރެވެއެވެ.

* ލޭގައި ހަކުރު ކޮންޓްރޯލް ކުރުން: ކުރުކުރު ކައްޓަލައިގައި ހުންނަ ކާބޯހައިޑްރޭޓް ބައިބައިވެ، ލޭގެ ތެރެއަށް ދަނީ ވަރަށް ލަހުންނެވެ. މިއީ ލޭގައި ހަކުރުގެ މިންވަރު ކުއްލިއަކަށް މަތިވެ، ދަށްވުމަށް ހުރަސްއަޅާނެ ކަމެކެވެ. އަދި މިއީ ހަކުރު ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.

މީގެ އިތުރުން ކުރުކުރު ކައްޓަލައިން ލިއްބައިދޭ އެހެނިހެން ފައިދާތަކަސް ބަލައިލާ އިރު، ކުރުކުރު ކައްޓަލައިގައި ފައިބަރު އެކަށޭނަ މިންވަރަކަށް ހުރެ އެވެ. ފައިބަރަކީ ބަނޑުހިކުން ލުއިކޮށްދީ، ލޭގައި ނުރަގަޅު ސަރުބީގެ މިންވަރު ދަށްކޮށްދީ، ގޮހޮރުގެ ބަތާނަ ފަށުގައި ވިހަ މާއްދާތައް ތަތްވިޔަނުދީ ހިފަހައްޓައިގެން ގޮހޮރުގެ ކެންސަރު ޖެހުމުގެ ފުރުޞަތު ހަނިކުރުވަ އެވެ.

ކުރުކުރު ކައްޓަލައިގައި ވިޓަމިން ބީގެ ތަފާތު ވައްތަރުތައް ހުރެ އެވެ. އޭގެ ތެރޭގައި ތިއެމިން، ރައިބޯފްލެވިން، ފޮލިކް އެސިޑް، ނިއެސިން، ޕައިރިޑޮކްސިން، ޕެންތޮނިކް އެސިޑް، ފަދަ ވިޓަމިންތައް ހިމެނެއެވެ. މިވިޓަމިން ތަކަކީ ހަށިގަނޑުގައި ތަފާތު މަސައްކަތްތައް ފުރިހަމަކުރުމަށް ބޭނުންތެރި ވިޓަމިން ތަކެކެވެ.

ކުރުކުރު ކައްޓަލައިގައި ގިނަ އަދަދަކަށް ވިޓަމިން ސީ ވެސް ހުރެ އެވެ. ވިޓަމިން ސީ އަކީ ހަށިގަނޑުގެ ދިފާއީ ބާރު ރަގަޅުކޮށްދީ، ފާރު ފަސޭހަވުން އަވަސްކޮށްދީ، މުސްކުޅިވުން ލަސްކޮށްދީ، ކަށިތައް ހެދިބޮޑުވުމަށް އެހީތެރިވެދޭ މާއްދާއެކެވެ.

ކުރުކުރު ކައްޓަލައިގައި މަދު މިންވަރަކަށް ނަމަވެސް ވިޓަމިން އޭ އަދި ބީޓާ ކެރޮޓީން ހުރެ އެވެ. މި ދެ މާއްދާ އަކީ ވެސް އެންޓި-އޮކްސިޑެންޓްގެ ގޮތުގައި މަސައްކަތްކުރާ މާއްދާތަކެކެވެ.

ކުރުކުރު ކައްޓަލައިގައި ތަފާތު ވައްތަރުގެ މައުދަންތައް ހިމެނެއެވެ. އެގޮތުން ކެލްސިއަމް، މެގްނީޒިއަމް، ފޮސްފަރަސް، ޒިންކު، ޕޮޓޭސިއަމް، ދަގަނޑު، ކޮޕަރ، ސިލެނިއަމް ފަދަ މާއްދާ ތައް ހުރެއެވެ. މިމާއްދާތަކަކީ ހަށިގަނޑުގެ ތަފާތު މަސައްކަތްތައް ފުރިހަމަ ކުރުމުގައި ބައިވެރިވާ މާއްދާ ތަކެކެވެ.

އެހެންކަމުން މިއީ އަހަރެމެންގެ ކެއުމުގައި ބޭނުން ކުރުމަށް މުހިންމު ބާވަތެކެވެ. އަދި މިއީ ރާއްޖޭގައި ފަސޭހައިން ހެދޭ ބަވަތެއްކަންވެސް ފާހަގަވެއެވެ. އެހެންކަމުން މިއީ އަހަރެންގެ ކާނާގެޔަޤީކަން ނުވަތަ ފުޑް ސެކިއުރިޓީގައި ވެސް މުހިންމު ދައުރެއް ދެވިދާނެ ބާވަތެކެވެ.

މައުލޫމާތު: އެގްރިކަލްޗަ މިނިސްޓްރީ