Last Updated: June 12, 15:25
Thursday, June 12, 2025
ޚަބަރު

ކެޔޮޅުންގެ ލޮބީން މަސް ރޭހެއް ބާއްވަނީ

ދިވެހި މަސްވެރިންގެ ހައްގުތަކަށް ވަކާލާތުކުރާ ޖަމިއްޔާއެއް ކަމަށްވާ ކެޔޮޅުންގެ ލޮބީން ބޮޑު މަސް ރޭހެއް ބާއްވަން ނިންމައިފި އެވެ.

ޑސެމްބަރު މަހު ބާއްވަން ހަމަޖެހިފައިވާ މި މުބާރާތް ހާއްސަކޮށްފައި ވަނީ ދޮށީ މަސްވެރިކަމުގައި ހަރަކާތްތެރިވަމުން އަންނަ އޮޑިފަހަރުތަކަށެވެ.

"މޯލްޑިވްސް ޓޫނާ ރޭސް 2025" ގެ ނަމުގައި ބާއްވާ މި މުބާރާތަކީ ކެޔޮޅުންގެ ލޮބީގެ އަހަރީ ދުވަހާއި މި އަހަރު މަސްވެރިންގެ ދުވަސް ވެސް ފާހަގަކުރުމުގެ ގޮތުން ބާއްވަން ނިންމި މުބާރާތެކެވެ.

މި ރޭސް އޮންނާނީ ޑިސެންބަރު މަހުގެ 5 ގަ އެވެ. ސައުވީސް ގަޑިއިރުގެ މި ރޭހަކީ، ދޮށީ މަސްވެރި އާއިލާގެ މެދުގައި އެކުވެރިކަން އާލާކޮށް، ގުޅުން ބަދަހިކޮށް އެއްބައިވަންތަކަމުގެ ރޫހެއް އުފެއްދުމަށާއި، ޒުވާނުން ދޮށީ މަސްވެރިކަމަށް ޝައުގުވެރިކަން އުފެއްދުމަށާއި، ދޮށީ މަސްވެރިކަން ޕްރޮމޯޓްކޮށް، އާންމުންގެ މެދުގައި މި ސިނާއަތައް އޮންނަ ލޯބި އިތުރު ކުރަން ވެސް އަމާޒު ހިފައިގެން ބާއްވާ މުބާރާތެކެވެ.

މަސްރޭހުގައި ވަނަތަކަށް ހޮވޭ އޮޑިފަހަރަށް ފައިސާގެ ބޮޑެތި އިނާމުތައް ލިބޭނެ އެވެ.

މަސް ރޭހުގައި ހޮވަން ހަމަޖެހިފައިވާ ވަނަތަކާއި އިނާމުތައް:

* މަސްރޭހުން 1 ވަނަ، އެންމެ މަތިން ކިލޯކިރާ އޮޑިއަކަށް: 100،000ރ.
* މަސްރޭހުން 2 ވަނަ، އެންމެ މަތިން ކިލޯ ކިރާ އޮޑިއަކަށް: 50،000ރ.
* މަސްރޭހުން 3 ވަނަ އެންމެ މަތިން ކިލޯ ކިރާ އޮޑިއަކަށް: 25،000ރ.
* މަސް ރޭހުގައި ބައިވެރިވާ އޮޑިތަކުގެ ތެރެއިން އެންމެ ކުރިން ރޭސް ނިންމާ އޮޑިއަކަށް: 5،000ރ.

ކެޔޮޅުންގެ ލޮބީން ބުނީ، ”މޯލްޑިވްސް ޓޫނާ ރޭސް 2025″ ގައި ބައިވެރިވާން ޝައުގުވެރިވާ އޮޑިފަހަރަށް، ވަރަށް އަވަހަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލާނެ ކަމަށެވެ.