Last Updated: June 12, 15:25
Thursday, June 12, 2025
ޚަބަރު

ފަރީދުގެ ހަނދާންތަކަށް ނިމުމެއް ނާންނާނެ: ރައީސް

އިއްޔެ ކުއްލި ގޮތަކަށް އަވަހާރަވި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އިބްރާހީމް ފަރީދު ދީނީ ކަންކަމަށް މަގު ދެއްކެވުމުގައި އަދާކުރެއްވި ހީވާގި އަދި ހިތްވަރުގަދަ ދައުރަކީ ހަނދާންތަކުން ވަކިނުވެވޭނެ ކަމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އިއްޔެ މެލޭޝިއާ އަށް ވަޑައިގެން އެއާޕޯޓަށް ފައިވާ ވަޑައިގަތްތަނާހެން ފަރީދު އަވަހާރަވުމާ ގުޅިގެން ރައީސް ހިތާމަ ފާޅުކުރައްވައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިސްލާމް ދީނުގެ ކަންކަން އޮޅުންފިލުއްވައި ދެއްވައި، ހެޔޮ ކަންކަމަށް ނަސޭހަތް ދެއްވުމުގައި ހުރިހާ ވަގުތެއް ހޭދަކުރައްވަމުން ގެންދެވި ދީނީ ޢިލްމުވެރިޔާ ފަރީދަކީ، ޚުލްޤު ހެޔޮ، އަޅުވެރިއެއް ކަމަށެވެ.

"ދީނީ ކަންކަމަށް މަގު ދެއްކެވުމުގައި އެ އަދާކުރެއްވި ހީވާގި އަދި ހިތްވަރުގަދަ ދައުރުގެ ހަނދާންތަކަށް ނިމުމެއް ނެތް. މަރްޙޫމް ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އިސްލާމް ދީނަށްޓަކައި ކޮށްދެއްވި އިޙްސާންތެރި މަސައްކަތްޕުޅުތަކުގެ ދަރުމައާއި ޘަވާބު، އެންމެ ހެޔޮ ގޮތުގައި މާތްﷲ ދެއްވާށި." ރައީސް ވިދާޅުވި އެވެ.

ޝެއިހް ފަރީދަކީ މުޅި ރާއްޖޭގައި ދީނީ ހޭލުންތެރިކަން އުފައްދަން ވަރަށް ގިނަގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އަދި އެކަމުގެ ތެރޭގައި އެތަކެއް ފިއްތުންތަކާ ކުރިމަތިލައްވަން ވެސް ޖެހިވަޑައިގެންނެވި އެވެ. ނަމަވެސް ފަރީދަކީ ދީނީ ހޭލުންތެރިކަން އުފެއްދުމާއި ދީނީ ދައުވަތު ދެއްވުމުގައި ވަރަށް ސާބިތުކަމާ އެކު މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

ފަރީދުގެ ކުއްލި އަވަހާރަވުމާ ގުޅިގެން ވަރަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ހިތާމަފާޅުކޮށްފައިވެ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ ދީނީ އިލްމުވެރިންނާއި ވަރަށް ގިނަ ޖަމިއްޔާތަކާއި ސިޔާސީ ދާއިރާގައި އުޅުއްވާ ބޭފުޅުންނާއި އާންމުން ވެސް ހިމެނެ އެވެ.