ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރަން ގްލޯބަލް އެމްބެސެޑަރަކަށް ބޮލީވުޑްގެ ބަތަލާ ކެޓްރީނާ ކައިފް ހަމަޖައްސައިފި އެވެ.
ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރަން ކެޓްރީނާ ހަމަޖެއްސި އިރު، އޭނަ މިހާތަނަށް ވަރަށް ގިނަ ފަހަރު މަތިން ރާއްޖެ އަށް ޒިޔާރަތްކޮށްފައިވެ އެވެ. އެގޮތުން ޗުއްޓީ ދަތުރުތަކާއި ބައެއް ފެޝަން މަޖައްލާތަކުގެ ފޮޓޯޝޫޓްތަކަށް ވެސް ކާމިޔާބު ބަތަލާ ރާއްޖެ އަށް އައިސްފައިވެ އެވެ.
ކެޓްރީނާގެ ފިލްމެއްގެ ލަވައެއް ވެސް ރާއްޖޭގައި ޝޫޓްކޮށްފައިވާކަން ފާހަގަކޮށްލެވެ އެވެ. އެއީ އޭނަގެ ކުރީގެ ލޯބިވެރިޔާ މަޝްހޫރު ތަރި، ސަލްމާން ޚާނާ އެކު ކުޅުނު 2005 ގެ ފިލްމު "މޭނޭ ޕިޔާރު ކިޔު ކިޔާ" ގެ ލަވައެކެވެ. ކެޓްރީނާ އަކީ މިހާރު ބޮލީވުޑްގެ އެންމެ ކާމިޔާބު އަދި އެންމެ ޑިމާންޑް ބޮޑު އެކްޓަރުންގެ ތެރޭގައި ހިމެނޭ ވިކީ ކޯޝަލްގެ އަންހެނުންނެވެ.
ކާމިޔާބު އަދި ރީތި އެތައް ފިލްމެއް ކުޅެފައިވާ ކެޓްރީނާގެެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "މެރީ ކްރިސްމަސް" އެވެ. އެ ފިލްމަށް ފަހު އޭނަ އާ އެއްވެސް ފިލްމަކަށް ސޮއިކޮށްފައި ނުވާ އިރު، ކެޓްރީނާ އަކީ މަޝްހޫރު އެކިއެކިން ބްރޭންޑްތައް އިޝްތިހާރުކޮށް ދީގެން އެންމެ ބޮޑު އަގެއް ލިބޭ އެއް ބަތަލާ އެވެ.
"ކޭ ބިއުޓީ" ގެ ނަމުގައި އަމިއްލަ ބިއުޓީ ލައިނެއް ވެސް ތައާރަފުކޮށްފައިވާ ކެޓްރީނާ ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރަން ގްލޯބަލް އެމްބެސެޑަރަކަށް ހަމަޖެއްސި އިރު، އިންޑިއާގެ މަޝްހޫރު ސެލެބްރިޓީން ބޭނުންކޮށްގެން ރާއްޖެ ޕްރޮމޯޓް ކުރަނާނެ ކަމަށް އެމްއެމްޕީއާރްސީން ދާދި ފަހުން ބުންޏެވެ.
އެގޮތުން މި ބޮޑު އީދާ ދިމާކޮށް ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު/ކޮރިއޮގްރާފަރު ފަރާ ޚާން ރާއްޖެ ގެނެސްފައި ވެ އެވެ. ފަރާ އަކީ ކެޓްރީނާ އާއި އަކްޝޭ ކުމާރުގެ 2010 ގެ "ތީސް މާރު ޚާން" ގެ ޑައިރެކްޓަރެވެ.
އިންޑިއާ އަކީ މިހާރު ރާއްޖެ އަށް ހަ ވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ. ދެހާސް ތޭވީހުގައި ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އައި ގައުމަކީ ވެސް އެއީ އެވެ.